ހުޅުމާލޭގައި ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕްތައް ބަލާ ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ހުކުރުދުވަހުގެ ހަވީރު ހުޅުމާލެ ފޭސް އެކެއްގައި ކުރިއަށް ގެންދިޔަ މި ރެއިޑު ކުރިއަށްގެންގޮސްފައިވަނީ ފުލުހުންނާ ގުޅިގެންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ރެއިޑު ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕްތަކަށް ކަމަށެވެ. މި އޮޕަރޭޝަންގައި 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންނާއި ގުޅޭ ތަހުޤީގުކުރިއަށްދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ.
މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 2000 އާއި ކައިރުކުރާ އަދަަކަށް ބިދޭސީން ވަނީ އަނބުރާ ގައުމަށް ގައުމަށް ޑީޕޯޓު ކޮށްފައެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި، އެކިއެކި ކުއްތަކުގައި ހައްޔަރަށް ގެންދެވޭ ބިދޭސީން ހިމެނެއެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީ މަސައްކަތު މީހުން ހަރަކާތްތެރިވަމުން އަންނައިރު މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނައެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ސިޔާސަތުތަކާއެކު މަސައްކަތްކުރަމުންނެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އޮޕަރޭޝަން ކުރަނގި ނަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކ. ހިންމަފުށި އަދި މާފުށީގައި މިމަސައްކަތް މިހާރުވަނީ ކުރިއަށްގެންގޮސްފައެވެ. މިތަޖުރިބާއަށް ބެލުމަށްފަހު މިއީ ވަކި ވަކި ރަށްރަށުގައި ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން އެކަނި ކުރެވޭނެކަމަކަށް ނުވާތީ، މިކަމުގައި ރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ޑީއެންއާރް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުފަހިކުރުމަށް އެވުޒާރާއިންދަނީ މަސައްކަތް ކުރަމުންނެވެ.

