ސަރުކާރުގެ އޮފީސްތަކުން ވައިގެމަގުން ކުރާ ދަތުރުތަކަށް ޓިކެޓް ގަތުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
މިއީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.
1 ޖަނަވަރީ 2016ވަނަ އަހަރު ނެރެފައިވާ ސަރކިއުލަރުއެއްގައި ބަޔާންކޮށްފައިވާ ވައިގެ މަގުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ހުރިހާ މަިިންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް، ކުރަން ޖެހޭނީ އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިވިޜަންކަމުގައިވާ މޯލްޑިއަން ހޮލިޑޭސް އިންކަމަށެވެ.
ނަމަވެސް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ސޮއި ކުރައްވާ ނެރުއްވި މާލިއްޔަތާ ބެހޭ ސާރކިއުލަރގައި ވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެ އުސޫލު އުވާލާ ކަމަށް ބަޔާން ކުރައްވާފައެވެ.
މިއާއެކު، މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް ފިޔަވައި އެހެނިހެން މަންޒިލްތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ސީދާ އެ އެއަރލައިންތަކުން އަގުތައް ބެލުމަށްފަހު، އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއަރލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓް ހޯދުމަށް ނިންމާފައިވާ ކަމަށް މާލީ ވުޒާރާގެ ސަރކިއުލަރގައިވެއެވެ.
އަދި ޖުލައި 5 އިން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާއަކުން މި ސަރކިއުލަރއަށް އަމަލުކުރުމަށްވެސް މާލީ ވުޒާރާއިން ވަނީ އަންގަވާފައެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ދަށްވުމާއި ގުޅިގެން، އެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ޚަރަދުތައް ކުޑަކުރުމާއި، ކުންފުނިތައް އިޞްލާހުކުރުންފަދަ ފިޔަވަޅުތައް ތަންފީޒްކުރަން ވަނީ ފަށްޓަވާފައެވެ.

