ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރާ އެއްވެސް މުވައްޒަކަފަކަށް ވަޒީފާގެ ބިރުދައްކައިގެން އެއްވެސް ކަމެއް ނުކުރާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފެނަކައިގެން ކުރިއަށް ހުރި މަސައްކަތްތަކާއި އަދި އެކުންފުނީގެ މާލީ ހަލާތާއި ބެހޭގޮތުން ހުވަދޫއަށް ދެއްވި ހާއްސަ އިންޓަވިއުގައި މުއާޒް ވިދާޅުވީ އެ ކުންފުންޏާއި މި ސަރުކާރުން ހަވާލުވި އިރު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. އަދި ސިޔާސީ ނުފޫޒު އިންތިހާއަށް ކުންފުންޏަށް ވަދެފައިވާކަމަށެވެ.
އަޅުގަނޑުމެންނަށް މީގެ ކުރީގަ ފާހަގަ ކުރެވުނު އެކިއެކި މުވައްޒަފުން އެކިއެކި ރަށްރަށަށް ފޮނުވާލާނެ. އެހެންނަމަވެސް މިހާރު އޮތް މެނޭޖްމަންޓުން އެކަހަލަ ކަމެއް ނުކުރާނެ، މުވައްޒަފެއްގެ ސިޔާސީ ފިކުރު ތަފާތު ވެގެން އެއްވެސް މުވައްޒަފަކު އެއްވެސް ރަށަކަށް ނުފޮނުވާނެ- މުއާޒް
އަދި ކުންފުންޏާއި ހަވާލުވި އިރު އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް ޕްލޭނެއް ނެތި ކުރީގެ މެނޭޖްމަންޓުން ކަންކަން ކޮށްފައިވާ ގޮތެވެ. މަސައްކަތެއް ކުރުވާފަ އެމަސައްކަތަކަށް ފައިސާ ދޭނެ އެއްވެސް ޕްލޭނެއް ހަދާފައި ނެތްކަމަށެވެ. އެހެންކަމުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ. ކުންފުނީގެ މެންޑޭޓަކީ އަދި ރައީސްގެ ގަރާރުން ވެސް ނިންމާފައި އޮންނަނީ ފެނަކަ އަކީ ރާއްޖޭގެ ރަށްތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އޮންނަ ކުންފުންޏެއް ކަމަށެވެ. އެއާއި ހިލާފަށް މިމަސައްކަތުގެ އިތުރަށް އެހެނިހެން ކަންކަން ކުރުމަކީ އެއީ ކުންފުނީގެ ދަރި އިންތިހާއަށް ދިޔަ ކަމެއްކަމަށެވެ.

މެނޭޖިން ޑިރެކްޓަރ މުއާޒް ހުވަދޫއަށް އިންޓަވިއު ދެއްވަނީ/ ފޮޓޯ: ހުވަދޫ
އިތުރަށް މުއާޒް ވިދާޅުވީ މިހުރިހާ ސަބަބުތަކެއް ހުރުމުން އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސުލް ޖުމްހުރިއްޔާ އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކައިންވެސް ވާނީ ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައި ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން ފާހަގަ ކުރަންޖެހޭ ސަރުކާރުގެ މުހިންމު ދުވަސްތަކެއް ފިޔަވައި އެހެން ދުވަސްތައް ފާހަގަ ކުރުން ވަނީ ނިމުނަކަށް ގެނެސްފައެވެ. އަދި ކޮންމެހެން ފާހަގަ ކުރަންޖެހޭ ދުވަހެއް ވިޔަސް ވީހާވެސް ހަރަދު ކުޑަ ވާނެހެން ރޭވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފެނަކަ އަކީ ޓެކްނިކަލް މަސައްކަތްތައް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ތަނެއްކަމުން ކޮންމެހެން ރާއްޖެއިން ބޭރަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ނޫނީ ނުކުރުމަށްވަނީ ނިންމާފައެވެ. އަދި ރަށުން ބޭރަށް ކުރާ ދަތުރުތަކުގައި ނަގުދު ފައިސާ އަތަށް ދިނުމުގެ ބަދަލުގައި،ހަރަދު ކުރުމަށްފަހު ބިލް ހުށައަޅާ ގޮތަށްވަނީ ބަދަލުކޮށްފައެވެ.
މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭ ނިސްބަތް މަދުކުރުމަށް ބާރުއެޅުމާއި، އަދި އިތުރުގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މުއާޒް ވިދާޅުވީ ކުންފުނީގެ ދަރަނިތަށް ހަލާސްކޮށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި 2026 ނޫނީ 2027 ގައި ފެނިގެންދާނެ ކަމަށެވެ.އަދި ރައްޔިތުންގެ އިތުބާރު ކުނުްފުންޏަށް ހޯދުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

