ޔޫރޯ ފުޓް ބޯޅައާއި ގުޅިގެން އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮމޯޝަންއެއްގެ ނަމުގަ ސްކޭމްތަކެއް ހިންގަމުންކަމަށާއި، އެކަމަށް ސަމާލުވުމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ އެ ކުންފުނިން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ގުޅިގެން މީސްމީޑިއާގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އަމާޒު ކޮށްގެން ސްކޭމްތަކެއްގެ ލިންކާއި އޯޓީޕީ ފޮނުވަމުންދާ ކަމަށެވެ.
އެމްޓިސީސީ ނަމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އޮޅުވާލައިގެން ” ފިޝިން ސްކޭމް” އެއް ކުރިއަށްދާ ކަމުގައި ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޕްރޮމޯ ގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓާރ ވުމަށްބުނެ އެއްވެސް މެސެޖެއް ނުވަތަ ލިންކެއް ފޮނުވާފައިވާނަމަ އެކަމަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.
މިގޮތުން ހިނގަމުންދާ ސްކޭމްގައި ނުޖެހުމަށާއި، އެކަމަށް ހުށިޔާރުވެ ތިބުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ. އަދި އެފަދަ ސްކޭމެއްގައި ޖެހި ޕާސްވޯޑް ދެވިފައިވާނަމަ އަވަހަށް ޕާސްވޯޑް ބަދަލުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތިރުން އެމްޓީސީސީން ބުނެފައިވަނީ އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ޓޫފެކްޓާރ އޯތެންޓީކޭޝަން އެކްޓިވޭޓްކޮށްފައި ބެހެއްޓުމަށެވެ.

