ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކާއި ވައިގެ ހަމަލާތައް ވަރުގަދަކޮށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ ފަސް ނޫސްވެރިއަކު ޝަހީދުކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިސްރާއީލުން ދިން ހަމަލާތަކުގައި އެ ސަރަހައްދުގައި ހުންނަ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ތިބި ތިން ނޫސްވެރިއެއްގެ އިތުރުން ޣައްޒާ ސިޓީގެ ދެ ނޫސްވެރިއަކު ޝަހީދުވެފައިވާ ކަމަށާއި، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން މަރުވި މީޑިއާ ވޯކަރުންގެ އަދަދު 158 އަށް އަރާފައިވާ ކަމަށެވެ.
ނުސީރަތުގައި ޝަހީދުވި ނޫސްވެރިންނަކީ ފަލަސްތީނުގެ މީޑިއާ އެޖެންސީގެ އަމްޖަދު ޖަހްޖޫހު އާއި ރިޒްގު އަބޫ އަޝްކިއަން އާއި ޣައްޒާގެ އިސްލާމިކް ޔުނިވާސިޓީ ރޭޑިއޯގެ ވަފާ އަބޫ ދަބާން އެވެ.
އަބޫދާބާން އާއި ޖަހްޖޫހުއާ ދެމީހުން ކައިވެނިކޮށް ދަރިން ތިބެއެވެ. ހަމަލާތަކުގައި އެދެ މީހުންގެ ދަރިން ވެސް މަރުވެފައިވާ ކަމަށް އައްޒާގައި ހަރަކާތްތެރިވަމުންދާ އަލްޖަޒީރާގެ ޓީމުން މައުލޫމާތުދެއެވެ. ނުސީރާތަށް ދިން އެ ހަމަލާގައި 10 މީހަކު ވަނީ ޝަހީދުވެފަ އެވެ.
ފަލަސްތީނުގެ ނޫސްވެރިން ކަމަށްވާ ސާދީ މަޑޫކް އާއި އަހުމަދު ސުއްކަރް ޝަހީދުވީ ޣައްޒާ ސިޓީގެ ދަރާޖް އަވަށުގައި ހުންނަ މަޑޫޚް އާއިލާގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ހުކުރު ދުވަހު ދިން ހަމަލާއެއްގަ އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ނޫސްވެރިންނަށާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ހާލަތެވެ.
ޣައްޒާގައި ޝަހީދުވި ފަލަސްތީނުގެ ނޫސްވެރިންނާ ބެހޭ ގޮތުން ވަކި ޑޭޓާބޭސްއެއް އޮންނަ ނިއުޔޯކްގެ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ވަނީ ހަނގުރާމަ ފެށުނު ފަހުން ޖުލައި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް މަރުވި މީޑިއާ ވޯކަރުންގެ އަދަދު 108 އަށް އަރާއިރު، މިއީ 1992 ވަނަ އަހަރު އެ ޖަމާއަތުން ޑޭޓާ އެއްކުރަން ފެށި ފަހުން ނޫސްވެރިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދުވަސް ކަމަށް ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްއަށް އިސްރާއީލުން ދިން މިސައިލް ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަލްޖަޒީރާގެ ޣައްޒާގެ ބިއުރޯ ޗީފް ވައިލް ދަހުދޫހްގެ ދޮށީ ދަރިކަލުން ހަމްޒާ ދަހުދުހު ވެސް ހިމެނެ އެވެ.
ހަމްޒާ ހުރީ އިސްރާއީލުން ކަނޑައަޅާފައިވާ "ސޭފް ޒޯން" އެއް ކަމަށްވާ އަލްމަވާސީ ކައިރީގައި އޮތް ވެހިކަލެއްގައެވެ. އެ ހަމަލާގައި މަރުވި އެހެން ނޫސްވެރިއެއް ކަމަށްވާ މުސްތަފާ ތުރާޔާއާ ވެސް އޭނާ ކައިރީގައި ހުއްޓެވެް.
މީގެ ކުރިން އިސްރާއީލުން ދިން ހަމަލާއެއްގައި ވައީލް ޒަހަމްކޮށްލައި އޭނާގެ ކެމެރާޕާސަން ސަމޭރު އަބޫދާކާ މަރާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ޣައްޒާގެ ދެކުނުގައި ރިޕޯޓިން އެސައިންމަންޓެއްގެ ތެރެއިންނެވެ.
މިދިޔަ ޖޫން މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ހަމާސްއާ ގުޅުން ހުރި މީޑިއާ ޗެނަލެއް ކަމަށްވާ އަލް އަޤްސާ ނެޓްވޯކްގެ 23 މީހަކު ވަނީ ޝަހީދިވެފަ އެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އައްޒާ އެކި ސަރަހައްދުތަކުން މުޅި ޖުމްލަ 87 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފަސް ނޫސްވެރިން ވެސް ހިމެނޭ ކަމަށެވެ. ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 38،098 އަށް އަރާފައިވާއެވެ.
އެ މުއްދަތުގައި އިޒްރޭލުން ދިން އަސްކަރީ ހަމަލާތަކުގައި މިހާތަނަށް 87،700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޣައްޒާގެ މެދުތެރޭގެ ދީރް އަލް-ބާލާހުއިން އަލްޖަޒީރާގެ ހާނީ މަހްމޫދު ވަނީ ޣައްޒާގެ މެދު ތެރޭގެ ސަރަހައްދުތަކާއި ދެކުނު ގެ އިތުރުން އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށަށް ވެސް ވައިގެ ހަމަލާތައް އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ.
އިރުމަތީ ޚާން ޔުނިސް އާއި ރަފާހް ސިޓީގެ ދެކުނު ފަރާތުގައި ވަޅުލުމަށް ހޮސްޕިޓަލުގެ މޯޗަރީއިން ހަށިތައް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މަހްމޫދު ބުނީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި އެތައް މައިންބަފައިންނެއް އެމީހުން ދަރިންގެ މަރުވެފައިވާ ހަށިގަނޑު ފެނި ރޮމުން ދިޔަ މަންޒަރު އެތައް ފަހަރެއްގެ މަތިން ތަކުރާރު ކޮށް ފެނިފައިވާ ކަމަށެވެ. މިއީ ހިތްދަތި މަންޒަރެއް ކަމަށާއި މިއީ މިތަނުގެ ރައްޔިތުން ކޮންމެ ދުވަހަކު ތަހައްމަލު ކުރަން ޖެހިފައިވާ އާދައަކަށް ވެފައިވާ ކަމަށެވެ.
އަލްޖަޒީރާގެ އެޖެންސީއެއް ކަމަށްވާ ސަނާދު އިން ބުނި ގޮތުގައި އެންމެ ފަހުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޣައްޒާގެ މެދުތެރޭގައި ހުންނަ މަގާޒީ ކޭމްޕުގެ އުތުރަށް އޮންނަ އެ ޖަމިއްޔާގެ ގުދަންތަކަށް އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) ގައި މަސައްކަތް ކުރާ މީހަކު ވެސް ހިމެނެ އެވެ. ޔޫއެންއާރުޑަބްލިއުއޭ ފެސިލިޓީތަކަށް ދިން އެ ހަމަލާގައި އިތުރު މީހަކު ވެސް ވަނީ މަރުވެފަ އެވެ.
ސަނާދުން ވެރިފައިކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އެ މީހުންގެ ހަށިތަކާއި ޒަހަމްވި މީހުން ދީރް އަލް ބާލާހުގައި ހުންނަ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފު އޭނާގެ ޖެކެޓް އަޅައިގެން ހުރުމުން އޭނާ އަކީ އދ.ގެ ސްޓާފެއްކަން ދެނެގަނެވުނެވެ.
ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު ރަފާހުގެ ސައުދީ އަވަށުގައި އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި ހަ ފުލުހަކު ވަނީ ޝަހީދުވެފައެވެ.
ރަފާހުގެ ހުޅަނގު އުތުރުގައި އޮންނަ ޣައްޒާގެ އަލް ޝަކޫޝް ސަރަހައްދުގައި އިޒްރޭލުން ފުލުހުންގެ ކާރަކަށް ދިން ބޮމުގެ ހަމަލާގައި ވެސް އެކަކު ވަނީ މަރުވެފަ އެވެ.

