އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެޤައުމުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން އަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް ޑރ މުއިއްޒު ކުރެއްވި ޕޯސްޓުގައި އީރާނުގެ އިންޚާބީ ރައީސްގެ ލީޑަރޝިޕްގައި ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ މުއިއްޒު ވަނީ އިންތިޚާބީ ރައީސް ޕެޒެޝްކިއާންގެ ދައުރުގައި އީރާނަށާއި އެ ސަރަޙައްދަށް ކުރިއެރުމާއި ތަނަވަސްކަމުގެ އިތުރުން ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

