ޔޫރަޕަށް ދަތުރުކުރި ހިޖުރަވެރިންނާއި ރެފިއުޖީންގެ ބޯޓެއް މޮރިޓޭނިއާގެ އައްސޭރިފަށަށް ބަންޑުން ޖަހާލި ހާދިސާގައި 89 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު އަދިވެސް ގެއްލިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
ހުޅަނގު އެފްރިކާގެ ހުޅަނގު ދެކުނު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ އެންޑިއާގޯއާ ގާތްގަނޑަކަށް 4 ކިލޯމީޓަރު (2.4 މޭލު) ދުރުގައި އޮތް މަސްބޯޓު ބަންޑުން ޖަހާލީ މިދިޔަ ހޯމަ ދުވަހު އެވެ. މޮރިޓޭނިއާގެ ކޯސްޓްގާޑުން 89 މީހެއްގެ ހަށިގަނޑު ހޯދައި، ފަސް އަހަރުގެ އަންހެން ކުއްޖަކާއެކު ނުވަ މީހަކު ސަލާމަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ދައުލަތުގެ މީޑިއާއިން ސަލާމަތްވި މީހުންނާ ހަވާލާދީ ބުނީ 170 މީހުންނާއެކު ސެނެގާލް އާއި ގެމްބިއާގެ ބޯޑަރު ސަރަހައްދުން ބޯޓު ފުރާފައިވާ ކަމަށާއި އެތަނުން 72 މީހުން ގެއްލިފައިވާ ކަމަށެވެ. މޮރިޓޭނިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އޭއެފްޕީ ނިއުސް އެޖެންސީއަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
ބޯޓު ބަންޑުން ޖަހާލީ ގަދަ ވަޔާއި އެކު ރާޅު ބޮޑުވުމުގެ ސަބަބުން ނުރައްކާތެރި އެޓްލާންޓިކް ކަނޑުގެ ގަދަ ރާޅުތައް އެރުމުގެ ސަބަބުންނެވެ. ހިޖުރަކުރާ މީހުން ގިނަފަހަރު ދަތުރުކުރަނީ ބޯފެން ނުލިބޭ، އޯވަލޯޑް އަދި މީހުން ދަތުރުފަތުރު ކުރަން އެކަށީގެންނުވާ ބޯޓުފަހަރުގައެވެ.
މިއަހަރުގެ ކުރީކޮޅު ޔޫރަޕިއަން ޔޫނިއަންއިން ވަނީ ފްރާންސްގެ ކުރީގެ ކޮލޮނީއެއް ކަމަށްވާ މޮރިޓޭނިއާއަށް ހިޖުރަކުރުން ހުއްޓުވުމަށާއި ހިޖުރަވެރިންނަށް އިންސާނީ އެހީގެ ގޮތުގައި 210 މިލިއަން ޔޫރޯ (229 މިލިއަން ޑޮލަރު) ގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ.
މި އެއްބަސްވުން ހުށަހަޅާފައިވަނީ އެފްރިކާގެ ހުޅަނގު އުތުރު އައްސޭރިފަށުން ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ ސްޕެއިންގެ ކެނެރީ އައިލެންޑްސްއާ ދިމާލަށް އެ ގައުމުން ފުރައިގެން ދާ ހިޖުރަވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީއެވެ.
ސްޕެއިންގެ ޗެރިޓީއެއް ކަމަށްވާ ކެމިނަންޑޯ ފްރޮންޓެރަސް އިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ކަނޑުމަގުން ސްޕެއިނަށް ދާން އުޅުމުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، އެއީ ކޮންމެ ދުވަހަކު 33 މީހުންގެ އަދަދެއް ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އެޓްލާންޓިކް ކަނޑުގައެވެ.
ދުނިޔޭގެ އެންމެ ބޮޑު ސަހަރާ ކަމަށްވާ “ސަހާރާ ޑެޒާޓް”ގައި ނުރައްކާތެރި މަގުތައް ހުރަސްކުރާ މީހުންގެ އަދަދު އިތުރުވެ، ކަނޑުމަތީގައި މަރުވާ މީހުންގެ އަދަދު ދެގުނަ އަށް އިތުރުވެފައިވާ ކަމަށް އދ.ގެ ރެފިއުޖީ އެންޑް މައިގްރޭޝަން އެޖެންސީތަކާއި މިކްސްޑް މައިގްރޭޝަން ސެންޓަރުގެ ރިސާޗް ގްރޫޕުން ނެރުނު އާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
“ރެފިއުޖީންނާއި ހިޖުރަކުރާ މީހުން ދަތުރުކުރާ މަގުތަކަކީ ހަނގުރާމަވެރި ޖަމާއަތްތަކާއި ކުށްވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކުގެ އިތުރުން އިންސާނީ ވަގުވިޔަފާރި އާއި ރަހީނުކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ގިނަ ސަރަހައްދުތަކެއް” ހުކުރު ދުވަހު ނެރުނު ރިޕޯޓުގައި ވެއެވެ.
މާލީ، ބުރްކީނާ ފާސޯ އަދި ސޫދާން ފަދަ ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ކުރާ ދަތުރުތައް އިތުރުވަމުންދާ ކަމަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކޮށްފައިވާ ދިރާސާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ސަހާރާ ޑެޒާޓް ހުރަސްކުރުމުގެ ތެރޭގައި ޖުމްލަ 1،180 މީހުން މަރުވެފައިވާ ކަން އެނގިފައިވީ ނަމަވެސް، މި އަދަދު މިއަށްވުރެ މާ ބޮޑު ކަމަށް ބެލެވޭ ކަމަށް 31،000 އަށް ވުރެ ގިނަ މީހުންގެ ހެކިބަހަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިއަހަރު އެކަނިވެސް 72،000 އަށް ވުރެ ގިނަ މީހުން މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް އެއްގަމު މަގުން ދަތުރުކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި 785 މީހުން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް އދގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ލީބިޔާއަކީ ހަނގުރާމައާއި ފަގީރުކަމުން ފިލައިގެން ދާ މީހުންގެ މައި ޓްރާންސިޓް ޕޮއިންޓެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި އެގައުމުގެ ހުޅަނގުގެ ސަހަރާއަކުން 65 މީހެއްގެ ހަށިތައް ވަޅުލާފައިވާ ބޮޑު ސަރަހައްދެއް ކަމާބެހޭ ފަރާތްތަކުން ވަނީ ހޯދާފަ އެވެ.
އަލްޖީރިއާ، ލީބިޔާ އަދި އިތިއޯޕިއާ އަކީ އެންމެ ނުރައްކާތެރި ޓްރާންސިޓް ގައުމުތަކުގެ ގޮތުގައި ބެލެވޭ ގައުމުތަކެވެ. ގާނޫނާއި ހިލާފަށް ގުނަވަންތައް ވިއްކުމުގެ އެތައް ސަތޭކަ މައްސަލައެއް އެ ރިޕޯޓުގައި ހިމެނޭއިރު ބައެއް ހިޖުރަވެރިން ވަނީ ފައިސާ ހޯދުމުގެ ގޮތުން ގުނަވަންތައް ވިއްކާފައިވާ ކަމަށް އެއްބަސްވެފަ އެވެ.
” ގިނަ ފަހަރަށް މީހުންނަށް ބޭސްދީ ހޭނައްތާލުމަށްފަހު އެ މީހުންގެ ރުހުމަކާ ނުލައި ގުނަވަންތައް ނަގަނީ. އެ މީހުން ހޭލާއިރު ހަށިގަނޑުގައި ކިޑްނީއެއް ނޯވޭ.” ޔޫއެންއެޗްސީއާރްގެ ހާއްސަ މަންދޫބު ވިންސެންޓް ކޮޗެޓެލް ބުނެފައިވެ އެވެ.

