ވާހަކަ ފޮތްތަކަށް ދިވެހިންގެ ތެރޭގައި އޮންނަ ޝައުގުވެރިކަން ނެތެމުންދާ މިފަދަ ދުވަސްވަރެއްގައި އެއްފަހަރާ ހަތަރު ވާހަކަ ފޮތް ލިޔެ، ބާޒާރަށް ނެރޭނީ ޔަގީނުންވެސް ދިވެހިބަހާއި ދިވެހި ވާހަކައަށް ލޯބިކުރާ ފަރާތަކުން ކަން ޔަގީނެވެ. އަދި އެއިން ކޮންމެ ވާހަކަ ފޮތަކާއެކު އެފަރާތުން ފުރަތަމަ ލިޔެ ޗާޕްކޮށް ނެރެފައިވާ ވާހަކަ "ޕަރީފެންގަނޑު"ގެ ފޮތެއް ހަމަ މުޅިން ހިލޭ ލިބޭނެއެވެ.
2021 ވަނަ އަހަރު ބާޒާރަށް ނެރުނު ވާހަކަ "ޕަރީފެންގަނޑަކީ" ދިވެހިންގެ ތެރޭގައި މަގުބޫލުކަމެއް ލިބިގެންދިޔަ ވާހަކައެކެވެ. މިވާހަކައަކީ މާލެސިޓީ ހެންވޭރު ސޯސަންވިލާ، މަމްދޫހު އިބްރާހީމް ހަމަ މުޅިން އަލަށް ލިޔުނު އޭނާގެ އެންމެ ފުރަތަމަ ވާހަކައެވެ. 2018 ވަނަ އަހަރު މިވާހަކަ ލިޔަން ފެށުނު ގޮތާ ބެހޭ ގޮތުން މަމްދޫހު ބުނީ މިއީ އޭނާ ދުވަހަކުވެސް ނުކުންނާނެ ކަމަށް ހީކުރި ދާއިރާއެއް ނޫންކަމުގައެވެ.
އަހަރުތަކެއް ކުރިން ސުކޫލު ދައުރުގައި ލިޔެ އުޅުނު ނަމަވެސް އޭގެ ފަހުން އޭނާ އަކީ ލިޔުންތެރިކަމާ ވަރަށްވެސް ތަފާތު ދާއިރާއަކުން ކުރިއަރައިގެން ދިޔަ މީހެކެވެ. އެތައް އަހަރެއް ވަންދެން ޓޫރިޒަމް ލައިފްގައި، ހައުސްކީޕިންގ އަދި އެފް އެންޑް ބީގައި އުޅުނު އިރު ލިޔުންތެރިކަމުގެ ދާއިރާގެ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަދެގެން ކުރިއަށް ދާނެކަމުގެ އެއްވެސް ވަރެއްގެ ވިސްނުމެއްވެސް ހުވަފެނަކުންވެސް ދެކެފައި ނުވާ މަމްދޫހު އޭނާގެ ފުރަތަމަ ވާހަކަ ލިޔަން ފެށީ ރައްޓެއްސަކަށް ލިޔެދިން އާޓިކަލްއެއްގެ ސަބަބުންނެވެ. އެއާޓިކަލްއަށް އެތައް ބައެއްގެ މަގުބޫލުކަން ލިބުމާއެކު އޭނާއަށް ވާހަކަ ލިޔުމުގެ ހިޔާލު ދީ ވާހަކަ ލިޔުމުގެ ދާއިރާއަށް ވަނުމަށް ވިސްނައިދިނީ އޭގެ ތެރެއިން ބައެއް އެކުވެރިންނެވެ.
ހިޔާލީ ތަސައްވުރުގައި މަންޒަރުތަކެއް ކުރަހަމުން މަމްދޫހު ގަލަން ހިންގާލީ ލާމު ގަމުގައި އޮންނަ ޕަރީފެންގަނޑާ ބެހޭ ގޮތުން މުޅިން އައު އުފެއްދުންތެރި ތަފާތު ވާހަކައެއް ލިޔުމަށެވެ. ޕަރިސްތާނުގެ ގަނޑުވަރަކުން، ލާމު ގަމުގެ ޕަރީފެންގަނޑު ވުޖޫދުވެގެން އައިގޮތް ސިފަކުރަމުންނެވެ. ސިހުރާއި ޖާދޫގެ ކަންތައްތަކެއް ހިމެނޭ މި ވާހަކައަށް ހާއްސަ ރައިވަރެއްވެސް ވަނީ ހަދާފައެވެ.
ދިވެހިބަހުން ވާހަކަ ލިޔެ ފޮތްތަކެއްގެ ސިފައިގައި ބާޒާރަށް ނެރުމަކީ މިހާރަކަށް އައިސް ވަރަށް މަދުން ނޫނީ ފެންނަ ކަމެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ދިވެހި ވާހަކަތައް ކިތަންމެ ގިނައިން ބާޒާރުން ނުވަތަ ލައިބްރަރީތަކުން ލިބެން ހުއްޓަސް މިއަދު ދިވެހި ވާހަކަ ފޮތެއް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި މިއީ ވިޔަފާރި އުސޫލުން ނަފާ ލިބޭ ކަމެއްވެސް ނުމެނޫންމެއެވެ. މިހާރަކަށް އައިސް ވާހަކަ ލިޔާ ފަރާތްތަކުންވެސް ފޮތެއްގެ ސިފައިގައި ބާޒާރަށް ނުނެރެނީވެސް މިހެންވެއެވެ. އެހެންކަމުން ގިނަ ފަރާތްތަކުން މިހާރު ވާހަކަ ލިޔަނީ އަމިއްލަ ބްލޮގެއްގައެވެ. ނޫނީ ކޮންމެވެސް ސައިޓަކަށް، އޮންލައިން ނޫހަކަށެވެ.

ހަތަރު ވާހަކަފޮތްވެސް އެއްއަގެއްގައި، 150 ރުފިޔާއަށް……..
2023 ވަނަ އަހަރު މި ހަތަރު ވާހަކަ ފޮތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މަމްދޫހު ވަނީ ވަރަށްވެސް ތަފާތު ކަމެއް ކޮށްފައެވެ. މީގެ ކުރިން އޮންލައިން ނޫހަކުން ކުޑަކުދިންނަށް ހާއްސަކޮށްގެން ވަކި ގަޑިއެއްގައި ކުޑަކުދިންގެ ވާހަކަ ގެނެސްދީފައި ނުވާއިރު، މަމްދޫހު ވަނީ 2023 ވަނަ އަހަރުގެ ރޯދަ މަހު "ހަލި" ނޫހުގައި 17 ކުދި ވާހަކަ ލިޔެފައެވެ. އަދި އެ ހުރިހާ ވާހަކައަކަށްވެސް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔައެވެ.
އޮންލައިންކޮށް ލިޔުމުގެ ބަދަލުގައި މިހާ ގިނަ ފޮތްތަކެއް އެއްފަހަރާ ނެރުނީ ކީއްވެގެންތޯ އަހާލުމުން މަމްދޫހު ބުނީ އޮންލައިންކޮށް ވާހަކަ ލިޔުނަސް އެ ވާހަކައިގައި އަތްލައި ފޮތެއްގެ ސިފައިގައި ފެންނަން ނޯންނާނެތީވެ އޭނާ ބޭނުންވީ މީހުންނަށް ފޮތެއް ސިފައިގަ އޭނާގެ ވާހަކަ ފެންނަގޮތަށް އޮތުމަށް ކަމަށް ވާތީއެވެ. މީގެ ފަންސާހަކަށް އަހަރު ފަހުންވެސް ފޮތެއް ގޮތަށް އޮތުމުން ގެންގުޅެވޭނެތީ ކަމަށްވެސް މަމްދޫހު ބުންޏެވެ.
"އަސްލު ރައްޓެއްސަކަށް ލިޔެދިން އާޓިކަލްއެއް، ދެން އޭނަ ބުނީ މަމްދުއަށް ވާހަކަ ލިޔެވޭނެއޭ ވަރަށް ފުރިހަމަ ވާނެއޭ، އެއީ ފެށުނު ގޮތަކީ، އެގޮތަށް ލިޔަން ފެށުނީ، ދެން ޕަރީފެންގަނޑު ނެރުނީމަ ވަރަށްބޮޑު ތަރުހީބެއް ލިބުނީ، މީހުން ރިކުއެސްޓް ކުރި އިތުރު ފޮތްތަކެއް ނެރުމަށް، ދެން އެއަހަރު ފޮތްތަކުގެ މަސައްކަތް ކުރަމުން ދިޔައިރު "ހަލި" ނޫހަށް ރޯދަ މަހު ކުޑަކުދިންގެ 17 ވާހަކަ ލިޔުނިން، ހަވީރު ގަޑީގަ، އެއަށްވެސް ވަރަށް ތަރުހީބު ލިބުނު، އޭރު ފުރަތަމަ ވީނަސް ލިޔެ ނިންމާލި އިރު ޗާޕު ކުރުމުގެ ކުޑަ ކަމެއް އުޅޭތީ މަޑު ކޮށްލަން ޖެހުނީ، އެވަގުތު އަނެއް ތިންވާހަކަ އެ ފެށުނީ، ކުރިންވެސް ޕަރީފެންގަނޑު ލިޔުނުއިރުވެސް ހުރި ހިޔާލު، ދެން ކިޔުންތެރިންގެ ވެސް އެދުމާއެކު ފޮތްތައް ނެރުނީ. ވަރަށް ގިނަ މީހުން ތިބީ ޕަރީފެންގަނޑު ބޭނުންވެފައި، އެހެންވެ މިފަހަރު މި ނެރުނު ހަތަރު ވާހަކައިން ކޮންމެ ފޮތަކަށް ޕަރީފެންގަނޑު ފޮތެއް ހަދިޔާ ކުރަން،" މަމްދޫހު އިބްރާހީމް ކިޔައިދިނެވެ.
މަމްދޫހު އިބްރާހީމަކީ ކުރިން އެއްވެސް ވަރަކަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ މަސައްކަތުގައި އުޅުނު ފަރާތެއް ނޫނެވެ. 2019 ވަނަ އަހަރު މަމްދޫހު އެންމެ ފުރަތަމަ ފޮތެއް ލިޔުމަށް ގަސްދުކޮށް ލިޔުނު ނަމަވެސް ކޮވިޑްގެ ހާލަތު އައިސް ފޮތް ނެރެވޭނެ ގޮތެއް ނުވެ މަޑުޖެހެން ޖެހުނެވެ. މަމްދޫހަކީ ކުރިން ޝެފެއްގެ ވަޒީފާ އަދާ ކުރި ފަރާތެއް ނަމަވެސް ދިވެހި ބަހުން ވާހަކަ ލިޔުމަށް އޭނާ ޝައުގުވެރިވެ އެ މަސައްކަތް ފެށިއިރު ރާއްޖޭގައި ފޮތްތެރިކަން ނެތެމުންދާކަން އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އެކަން އެނގުމުން ދެން މަމްދޫހު ގަސްދުކުރީ ވާހަކަ ފޮތެއް ނެރުމަށެވެ.

ގަންނަ ކޮންމެ ވާހަކަ ފޮތަކާއެކު ޕަރީފެންގަނޑު ފޮތެއް ހިލޭ……….
މަމްދޫހުގެ ފުރަތަމަ ވާހަކަ "ޕަރީފެންގަނޑު" ނެރުނީ 4 ނޮވެމްބަރ 2022 ގައެވެ. އޭގެ ފަހުން 2023 ގައި، ހަތަރު ފޮތް ލިޔެ ޗާޕްކޮށް، ރެޖިސްޓަރ ކުރުމާއި ކޮޕީރައިޓް ކުރުމަށް މި 2024 ގެ ޖެނުއަރީން ފެށިގެން މާރިޗް މަހާ ހަމައަށް އައިއިރު އޮތީ ނިމިފައެވެ.
- ވީނަސް — 15 އަހަރުން މަތީގެ ފަރާތްތަކަށް، މިއީ ޒުވާން އަންހެން ކުއްޖަކަށް އިހާނެތިކޮށް ކަންތައްކުރާ މީހަކަށް ދިމާވާ ކަންތައްތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެއް
- އަތީނާ — 18 އަހަރުން މަތީގެ ފަރާތްތަކަށް: މިއީ އަންހެންކުއްޖަކު އޭނާގެ ހަޔާތް ތާސްބައިގެ ގަނޑުތަކެއްގެ މިސާލުގައި ހުވަފެނީ އާލަމެއްގައި ބިނާ ކުރުމުން ކުރިމަތިލާން ޖެހޭ ނަތީޖާތަކެއްގެ ވާހަކަ
- ނައިބޮލި — 15 އަހަރުން މަތީގެ ފަރާތްތަކަށް: މިއީ އިންސާނުންނާއި ކަނޑުއިންސިއަކާ ދެމެދު ހިނގާ ކަންތައްތަކެއްގެ ވާހަކަ
- ވިހަކަށި — 15 އަހަރުންމަތީގެ ފަރާތްތަކަށް: މިއީ އިހު ޒަމާނުގައި ދިވެހިންގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް މިޒަމާނުގެ ނަޒަރިއްޔާތުން ބަލައިގެން ލިޔެފައިވާ ވާހަކައެއް.
ވަރަށް ގިނަ ގޮންޖެހުންތަކާއި ގިނަ ހޭދަތަކަކަށްފަހު މިހާރު ބާޒާރަށް ނެރެފައިވާ މަމްދޫހުގެ 4 ވާހަކައިން ކޮންމެ ވާހަކައަށް މަމްދޫހުގެ ފުރަތަމަ ވާހަކަ ޕަރީފެންގަނޑުގެ އެއްކޮޕީ ލިބޭނެއެވެ.

ހަތަރު ވާހަކަފޮތް ނެރެދެއްވީ (ކ) އަޒްރާ ތައުފީގު، (ވ)މަމްދޫހު އިބްރާހީމް……….
"ފޮތްކިޔާ މީހުން މަދު، އެހެންނަމަވެސް އެމަދު މީހުންގެ ތެރެއިން ކޮންމެވެސް ބަޔަކުގެ ރިކްއެސްޓެއް މީ އަޅުގަނޑުގެ ފޮތްތަކެއް ކިޔަން ލިބުން، މަދުން ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ވާހަކަ ފޮތުން ކިޔާހިތްވާ މީހުން އުޅޭތީއާއެކީ އަޅުގަނޑަށް ބައެއް މީހުންގެ މެސެޖް އަދި ފޯނުކޯލުތައް ވެސް ލިބުނު ވާހަކަ ފޮތް ލިބިދާނެތޯ، އަދި މީގެ ތެރެއިން ހާއްސަކޮށް "ނައިބޮލި" އެއީ މީހަކު ގުޅައިގެން ބައްދަލުކޮށް އެދިގެން، އެކަމާ ބެހޭ ގޮތުން ހޯދައި އޮޅުން ފިލުވައިގެން ލިޔެފައި އޮތް ވާހަކައެއް،"
"މިއީ އަޅުގަނޑުގެ މަސައްކަތް، އަބަދުވެސް ފެންނާނެހެން ރައްކާކުރެވޭ ގޮތަށް ހުންނަން ބޭނުންވާތީ ފޮތްތަކެއްގެ ސިފައިގައި ނެރުނީ، އޮންލައިންކޮށް ނެރުނުނަމަ އެނެރޭ ދުވަސްކޮޅުގަ ފެންނާނީ، މީގެ 100 އަހަރު ފަހުންވެސް ފޮތް އޮންނާނެ ދެއްތޯ،"
މަމްދޫހު، އޭނާގެ މިމަސައްކަތަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށާއި އޭނާގެ ވާހަކަ ތަކަށް ޝައުގުވެރިވެ، އެވާހަކަތައް ކިޔާހިތްވާ އަދި އޭނާގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރެއެވެ.
"ކިޔުންތެރިން ހުރިހާވެސް ބަޔަކީ، ކިޔުންތެރިންނާ ނުލައި ލިޔުންތެރިން ލިޔުމުގެ މާނައެއް ނޯންނާނެ ދެއްތޯ. އެހެންވީމަ ކިޔުންތެރިންނަށް ހަމަ ފަށްފަށުން ޝުކުރު އަދާ ކުރަން، އެފަރާތްތަކުގެ ފާޑުކިޔުމަކީ އަޅުގަނޑުގެ ކުރިއެރުން،"
ހަތަރު ވާހަކަފޮތްވެސް ވިއްކަނީ އެއް އަގެއްގައެވެ. ހަމަ އެންމެ 150 ރުފިޔާއަށް ގަންނަ ކޮންމެ ފޮތަކާއެކު މަންދުގެ ފުރަތަމަ ވާހަކަ ޕަރީފެންގަނޑު ވާހަކަ ހިލޭ ލިބޭނެއެވެ. މިއީ މަންދުގެ ފޭނުންނަށް އޭނާގެ ފަރާތުން ދޭ ފުރިހަމަ ހަދިޔާއެއްކަން ގައިމެވެ.
މަމްދޫހުގެ މިހަތަރުވާހަކަ (ކޮންމެ ވާހަކައަކަށް ޕަރީފެންގަނޑު ފޮތެއް ހިލޭ،) ރައުންޑްވަން ބުކްޝޮޕް ތަކުން ލިބެން ހުންނާނެއެވެ. އަދި ގުޅައިގެން ވާހަކަ ލިބޭ ގޮތްވެސް ހަމަޖެއްސިދާނެއެވެ. 9307888 މިނަމްބަރަށް ގުޅައިގެންވެސް ލިބެން ހުންނާނެއެވެ.

