ސަރުކާރުން އިންތިހާބުުތަކަށް ކުރާ ބޮޑެތި ހަރަދު ކުޑަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ އެންމެ މުހިންމު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ މިރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރޭގެ ޕީއެންސީޖަލްސާގައި ރައީސް ޑރ މުއިއްޒު ވަނީ ރާއްޖޭގެ އިގުތިސާދަށް މިހާރު ގެނެވިފައިވާހެޔޮ ބަދަލު ފާހަގަކުރައްވާފައެވެ. އަދި ބަޖެޓް ކަނޑައަޅައިގެން ހިންގާ ހަރަދުތަކުގެ ތެރެއިން އެކިކަހަލަ އިންތިހާބުތަކަށް ދާ ހަރަދުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އިންތިހާބުތައް ބާއްވަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ހިޔާލާ މަޝްވަރާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ގައުމުގެ ރައްޔިތުންނަށް އޭގެ މަންފާ ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭކަން ރައީސް މިރޭ ފާހަގަކުރެއްވިއެވެ. އެކަން ކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހޭއިރު، އެކަމަށް ރައްޔިތުން ތާއީދު ކުރާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމިގެން ދިޔައިރުގައި 120 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ރައްޔިތުންގެ ފައިސާ ޚަރަދުވެފައިވާ ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެބުރު ނިމުނުއިރު 180 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވުނު ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ މި ދެ އިންތިހާބަކީ ހައެއްކަ މަސްދުވަހުގެ ތަފާތެއް އެއް އިންތިހާބު އަނެއް އިންތިހާބު ބާއްވާ ތާރީހާ ދޭތެރޭ އޮންނަ ދެ އިންތިހާބު ކަމަށާއި މިކަމުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށްވާނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ދައުލަތުން ބެލެހެއްޓޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޕީއެންސީ ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ މިސަރުކާރުގެ މެނިފެސްޓޯގައި ހުރި މުހިންމު ކަންކަން މިހާތަނަށް އައިއިރު ކުރިއަށް ގެންގޮސްފައިވާކަމަށާއި ފައިސާ ޗާޕްކުރުން ހުއްޓާލުން ފަދަ މުހިންމު ނިންމުންތަކެއް ނިންމާފައިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ކުރިއަށް އޮތް މުސްތަގުބަލަށް ފައިދާ ވާނެހެން އެ މެނިފެސްޓޯގައި ރާވާފައި އޮތްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. މިސަަރުކާރުގެ ކަންތައްތަ އޮތީ މިއަދު ކަމެއް ފާހަގަ ކުރެވުނީމާ މިއަދު ވަގުތުން އެކަމެއް ގޮތަކަށް ނިންމާލުން ފަދަ ގޮތަކަށް ނޫންކަމަށާއި މިސަރުކާރުން ކަންކަން ރާވާފައި އޮތީ ދުރާލާ ރޭވުންތެރި ކަމާއެކުގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

