އެމެރިކާގެ އޮފިޝަލުން ވަނީ އަލްޒައިމާސްގެ އިތުރު ބޭހަކަށް ހުއްދަ ދީފަ އެވެ. ކެނެޑިއަން ޕްރެސް އިން ބުނި ގޮތުގައި މީގެ ސަބަބުން ފަރުވާ ނުކުރެވޭ، ހަނދާން ނައްތާލާ މި ބަލީގެ ފުރަތަމަ މަރުހަލާގައި ތިބި ބަލި މީހުންނަށް އިތުރު އުންމީދެއް ލިބިގެންދާނެ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެލީ ލިލީގެ ކިސުންލާ ނަމަކަށް ކިޔާ މި ބޭހަށް ހުއްދަ ދީފައި ވަނީ އަލްޒައިމާގެ ސަބަބުން ދިމާވާ ޑިމެންޝިއާގެ ކޭސްތަކުގެ ކުރީކޮޅުގައި ފަރުވާ ހޯދުމަށެވެ. ޑިމެންޝިއާއަކީ ހަނދާން ކުރުމަށާއި، ވިސްނުމަށާއި، އަދި އާއްމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުމެވެ.
ޖަޕާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އީސައިއިން މިދިޔަ އަހަރު މިބޭސް އުފެއްދުމަށް ހުއްދަ ދީފައިވާއިރު މި ބޭހަކީ ބަލި މީހުންގެ ކޮގްނިޓިވް ދަށްވުން ވަރަށް ބޮޑަށް ލަސްކޮށްދޭ ބޭހެވެ.
މި ބޭހުހެ ސަބަބުން ގާތްގަނޑަކަށް ހަތް މަސް ދުވަހަށް އަލްޒައިމާރސް ފެތުރުން ލަސްކޮށްދެއެވެ. ނަމަވެސް ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް މިބޭހުގެ ސަބަބުން ފައިދާ ކުރި ނަމަވެސް މިބޭހަކީ އައިވީގެ ޒަރިއްޔާއިން ދެވޭ ބޭހަކަށް ވެފައި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ސައިޑް އިފެކްޓްތަައް ގިނަ ބޭހެކެވެ.
އަލްޒައިމާސްއަށް ފަރުވާދޭ ޑޮކްޓަރުން ދެކޭ ގޮތުގައި މި ބޭހަކީ އެތައް ޒަމާނެއް ވަންދެން ފަރުވާތައް ނާކަބުވުމަށްފަހު އަލްޒައިމާސް ފަރުވާކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ.
ސެއިންޓް ލުއިސްގެ ވޮޝިންޓަން ޔުނިވާސިޓީގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ސުޒޭން ޝިންޑްލަރ ބުނީ ބަލި މީހުންނަށް އެހީވުމަށް އިތުރު ފަރުވާތަކެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަލްޒައިމާ ހުންނަ ބަލި މީހުން ދެނެގަނެވުމަށް ފަހުވެސް އެ މީހުން އިތުރަށް ގޯސްވެ މަރުވަންދެން އެ މީހުންގެ ހާލަތު މަޑުމަޑުން ދަށަށް ދިއުމަކީ ޑިމެންޝިއާ ސްޕެޝަލިސްޓެއްގެ ހައިސިއްޔަތުން ދެކެން ވަރަށް އުނދަގޫ މަންޒަރެއް ކަމަށެވެ.
ކިސުންލާ އާއި ޖަޕާނުގެ ބޭހެއް ކަމަށްވާ ލެކެމްބީ އަކީވެސް އައިވީ ޒަރިއްޔާއިން ހަށިގަނޑަށް ދެވޭ ލެބޯޓްރީގައި އުފައްދާފައިވާ އެންޓިބޮޑީސް އެވެ. އޭގެ ސަބަބުން ސިކުނޑީގައި ސްޓިކީ އެމިލޮއިޑް ޕްލޭކް އުފެދުން ދުރުކޮށްދެއެވެ. ނަމަވެސް އެ ބޭސްތައް ލިބެން ޖެހޭނީ ބަލީގެ ކޮން ސްޓޭޖެއްގައި ތިބި މީހުންނަށްކަމާއި، އޭގެ އަސަރު ދެމިގެންދަނީ ކިހާ ދުވަހަކަން އަދި ކަށަވަރުވެފައި ނުވެއެވެ.
މި އާ ބޭހަށް ހުއްދަ ލިބިފައިވަނީ އެފްޑީއޭގެ އެޑްވައިޒަރުންގެ ޕެނަލަކުން މިދިޔަ މަހު އެ ބޭހަށް ތާއީދުކޮށް ވޯޓު ދިނުމުންނެވެ.
ލިލީ ބުނީ ފަރުވާގެ މުއްދަތަށް ބަލައި ހަރަދުތައް ތަފާތުވާނެ ކަމަށާއި އަހަރަކަށް ތެރަޕީގެ އަގަކީ 32،000 ޑޮލަރު ކަމަށެވެ. މިއީ ލެކެމްބީގެ އަހަރީ 26،500 ޑޮލަރަށް ވުރެ ބޮޑު އަގެކެވެ. ބަލިމީހުން ސިކުނޑީގެ ސްކޭންތައް ހެދުމަށްފަހު ސިކުނޑީގައި ޕްލޭކް މަދުވެފައިވާކަން ކަށަވަރުވުމުން ބޭސް ހުއްޓާލުމަށް ޑޮކްޓަރުން ލަފާދެ އެވެ.
އެމެރިކާގެ 6 މިލިއަނަށްވުރެ ގިނަ މީހުންނަށް އަލްޒައިމާސް ބަލި ޖެހިފައިވެއެވެ. އާ ބޭހަށް ބޭނުންކުރެވޭނީ މި ބަލީގެ ކުރީ ސްޓޭޖްގައި ތިބި މީހުންނަށް އެކަންޏެވެ. އަދި މި ބޭސް ދިނުމުގެ ކުރިން ގިނަ ޓެސްޓުތަކެއް ހަދަން ޖެހެއެވެ.
އެފްޑީއޭ އިން ޑޮނެނެމެބް ނުވަތަ ކިސުންލާ، މި ބޭހަށް ހުއްދަ ދީފައި ވަނީ 18 މަސް ދުވަހުގެ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މި ފަރުވާ ހޯދަމުން އަންނަ މީހުންނަށް ޕްލެސީބޯ ދިން މީހުންނާ އަޅާބަލާއިރު ހަނދާނާއި ކޮގްނިޓިވް ކެޕޭސިޓީ އަށް ކުރާ އަސަރު ގާތްގަނޑަކަށް 22 ޕަސެންޓް ދަށްވެފައިވެ އެވެ.
މި ބޭހާއި ގުޅިފައިވާ އެންމެ ބޮޑު މައްސަލައަކީ ސިކުނޑި ދުޅަވުމާއި ލޭ އައުމެވެ. ނަމަވެސް މިއީ ޕްލޭގް ނައްތާލުމަށް ބޭނުންކުރާ ހުރިހާ ބޭހެއްގެ ވެސް ސައިޑް އެފެކްޓެކެވެ. ލިލީގެ ދިރާސާއިން ދައްކާ ގޮތުގައި ލެކެމްބީއާ އަޅާބަލާއިރު މި މައްސަލަތަކުގެ ރޭޓް ތަންކޮޅެއް މަތިކަމަށާއި އޭގެ ތެރޭގައި މައިކްރޯބްލީޑިންގެ ޝިކާރައަކަށްވެފައިވާ 20 އިންސައްތަ މީހުން ވެސް ހިމެނެއެވެ.
ކިސުންލާ ބޭހުގެ ސަބަބުން ބަލި މީހުން ބޭސް ބޭނުންކުރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހުއްޓާލަން ޖެހެއެވެ. މި ދިރާސާގައި ބަލިމީހުން ކިސުންލާ ބޭނުންކުރުން ހުއްޓާލީ އެމީހުންގެ ސިކުނޑީގެ ޕްލޭގް ހުރި މިންވަރު ގާތްގަނޑަކަށް ދެނެނުގަނެވޭ މިންވަރަށް ދަށްވުމުން ކަމަށާއި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އެއް އަހަރު ތެރޭގައި އެކަން ހާސިލްވެފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ދިގު މުއްދަތުގެ ބޭސްކުރުމުގެ ޚަރަދުތަކުގެ އިތުރުން އެމީހުންނަށް އޮތް ނުރައްކާ ކުޑަވެގެންދެއެވެ. ނަމަވެސް ބަލި މީހުންނަށް އަލުން މި ބޭހުގެ އައިވީއެއް ދޭން ޖެހޭ ދުވަހެއް އަދި އެނގިފައި ނުވެއެވެ.
ލޮޖިސްޓިކް އަދި އިންޝުއަރެންސް މައްސަލަތަކާއި މާލީ ކަންބޮޑުވުމުގެ ސަބަބުން އީސައި އާއި އެމެރިކާގެ ޕާޓްނަރު ބަޔޯޖެންއާއި ގުޅިގެން މާކެޓްކުރާ ލެކެމްބީ ބޭސް ވިއްކުން ވަނީ މަޑުޖެހިފަ އެވެ. ގިނަ ހޮސްޕިޓަލްތަކާއި ސިއްހީ ފަރުވާ ދޭ ތަންތަނުން ޕްލޭގްއަށް އަމާޒުކޮށްދޭ އަލްޒައިމާސްގެ ބޭސްތައް އަދި ބޭނުންނުކުރެވެއެވެ.
ޑިމެންޝިއާ ޕޭޝަންޓުންގެ މި ބޭހުން ފަރުވާކުރާ ސިކުނޑީގެ ޕްލޭގް ހުރިކަން ޑޮކްޓަރުން ކަށަވަރު ކުރަން ޖެހެ އެވެ. އެއަށްފަހު ސިކުނޑި ދުޅަވުން ނުވަތަ ސިކުނޑިން ލޭ އައުން ދެނެގަތުމަށް ތަކުރާރުކޮށް ސްކޭން ހަދަންޖެހެއެވެ. އެކަމަށް ތަމްރީނު ލިބިފައިވާ ނަރުހުންނާއި ޑޮކްޓަރުން ތިބި ތެރަޕީއަށް ބޭނުންވާ ޑްރަގް އިންފިއުޝަން ސެންޓަރެއް ހޯދަން ޖެހެއެވެ.

