ކޮޕީ ރައިޓް އަދި އެއާ ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފިއެވެ.
ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤުތައް ހިމާޔަތްކޮށްދިނުމާއި، އެފަދަ ހައްޤުތަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަަހެޅުއްވީ، އަދުގެ ސަރުކާރުން އިލްމީ އަދި ފަންނުވެރިން ނުވަތަ ކްރިއޭޓާސްގެ ހައްޤުތައް ހިމާޔަތް ކުރުމަށް ދެއްވާ އަހައްމިއްޔަތު ކަމުގެ ދަށުން، ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފާތުމަތު ސައުދާއެވެ.
ސައުދާ ވިދާޅުވީ، އިލްމީ އަދި ފަންނީ މަސައްކަތުގެ ޒަރީއާއިން އުފެއްދުމެއް އުފެއްދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެތައް ވަގުތަކާއި އެތައް ކަމެއް ޤުރުބާންކޮށް އިލްމާއި ހުނަރު އަދި ފަންނުވެރިންގެ އުފެއްދުމަކީ ވަރަށް އަގުހުރި އަދި އަގުބޮޑު މަސައްކަތެއް ކަން ސައުދާ ފާހަގަކުރެއްވިއެވެ.
ސައުދާ ވިދާޅުވި ގޮތުގައި، 20 އޭޕްރީލް 2011 އިން ފެށިގެން ކޮޕީރައިޓް ޤާނޫނަށް އަމަލުކުރަމުން ދިޔަނަމަވެސް އެ ޤާނޫނު ހެދިފައި އޮތީ އޭރު ފެންނަން ހުރި ކަންތައްތަކާއި ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ކަމަށްވާތީ ފަންނުވެރިންގެ އުފެއްދުންތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ނަފާ އަދި މަންފާ ލިބުމުގެ ޤާނޫނީ ބާރު އެ ޤާނޫނުން ލިބިދީފައި ނުވެއެވެ.
ހަމައެއާއެކު ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ ސަބަބުން އުފެއްދުންތައް މިއަދު ދައުރުވެގެންދާ ގޮތާއިމެދު ވިސްނާލަން ޖެހޭ ކަމަށް ސައުދާ ވަނީ ވިދާޅުވެފައެވެ.

