ދިވެހިބަސް ކުރިއެރުމާއި ދެމިއޮތުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދިވެހިބަހުގެ ތަރައްޤީއާއި ކުރިއެރުމަށް ލިޔުންތެރީންގެ ދައުރު ވަރަށް މުހިންމުކަމަށާއި، ލިޔުންތެރީންނަކީ ދިވެހިބަސް ދިރުވައި އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތައްކަމަށެވެ.
މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވަނީ “ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރިންގެ ދައުރު މުހިންމު” މި ޝިއާރެެވެ.
ދިވެހި ލިޔުންތެރީންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހަކީ ދިވެހި ލިޔުންތެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަށް ޚާއްސަކުރެވިފައިވާ ދުވަހެކެވެ. މި ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ބޭއްވެއެވެ.

