މިދިޔަ ސަރުކާރަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކިއެކި ނަންނަމުގައި ދޫކޮށްފައިވާ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިގުތިސާދާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު ވިދާޅުވީ، މަނިޓަރީ ސިޔާސަތު އޮތީ ފެއިލްވެފައި ކަމަށެވެ. އެއީ، މި ސަރުކާރަށް ވާރުތަވި ވަރަށް ބޮޑު މައްސަލައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެ ގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ޗާޕުކުރި ކަމަށް ބުނާ ހަތް ބިލިއަން ރުފިޔާގެ އިތުރުން ވެސް ގޮތް ހުސްވަންދެން އެމްއެމްއޭއިން އެކިއެކި ނަންނަމުގައި ފައިސާ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ބެލިން މި ވާހަކަ ނުދައްކާ ވޭތޯ، ގޮސް ސީލިންގުގައި ޖެހި ބާރުވާނެ އަދަދަކަށް ބާރުވާން. ދެން އެއްވެސް އިތުރު އޮޕްޝަނެއް ނެތް ވަރަށް ފައިސާހުރީ ދޫކޮށްފައި،"
ކޮވިޑް-19އާ އެކު ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ ގުޅިގެން މިދިޔަ އެމްޑީޕީގެ ވެރިކަމުގައި މާލީ ޒިންމާގެ ގާނޫނުން ބައެއް ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރިއެވެ. އެމްޑީޕީން ބުނީ، ފައިސާ ޗާޕުކުރަން ޖެހުނީ އިގުތިސާދީ ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަނިޓަރީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާއަދާނުކުރައްވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން ވެސް ހުށަހަޅައިފައެވެ.
ދައުލަތުގެ މަނިޓަރީ ސިޔާސަތު އެކަށައަޅާނީ ގަވަރުނަރެވެ.
ގަވަރުނަރު އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ގަވަރުނަރު މަގާމުން ވަކިކުރާނީ ވެސް މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. ގަވަރުނަރު ވަކިކުރުމުގެ މައްސަލަ އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސެޕްޓެމްބަރު 8، 2019 ގައެވެ.

