އޭވިއޭޝަން ދާއިރާގައި މުޅި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކޮންގްރެސް ތެރޭގައި ހިމެނޭ އެއާ ސާވިސް ވޯލްޑް ކޮންގްރެސް މިއަދު ފަށާއިރު އެންމެ އަޅައިގަތީ މި ކޮންގްރެސްއަށް ހާއްސަކޮށް އެމްއޭސީއެލުން ތައްޔާރުކޮށްފައިވާ ފުރިހަމަ ލޯގޯއަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަސްމީ ފާލަން ކައިރީގައި ތައްޔާރުކޮށްފައިވާ މި މޮނިއުމަންޓް ފެނުމާއިއެކު ހިތަށް އެރީ މިއީ ދިވެއްސެއްގެ މަސައްކަތެއް ބާވައެވެ. ނޫނީ ރާއްޖެއިން ބޭރުގެ މަސައްކަތެއް ބާވައެވެ. ކޮންމެއަކަސް މިފަދަ ފުރިހަމަ މަސައްކަތެއް މިހެން ފެންނަން ހުރުމުން މިކަމުގެ ހަގީގަތް ބަލާލުމަށް ނުހަނު ޝައުގުވެރިކަން އުފެދިއްޖެއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ލޯގޯ ފަރުމާކުރި އިސްރާޖް މޮނިއުމަންޓް ކައިރީގައި/ފޮޓޯ: އެމްއޭސީއެލް
ދައްކާލާފައިވާ ޗާލު ކުރެހުންތަކުން ހިތަށް ގެނެވުނީ ދިވެހިރާއްޖަށް ފަތުރުވެރިން ހިތްޖެހެނީ ހަމަ ޖެހެންވެގެންނެވެ. އެހާވެސް ރީއްޗެވެ. މި މޮނިއުމަންޓް ތައްޔާރުކުރި ގޮތާއި، މި މަސައްކަތްތަކުގެ ހަގީގަތް ބަލާލުމުން އެނގިގެން ދިޔައީ މިއީ މި ކޮންގްރެސްއަށް ހާއްސަކޮށް އެމްއޭސީއެލްއިން ތައްޔާރުކޮށްފައިވާ ލޯގޯއެއް ކަމެވެ. ސައްތައިން ސައްތަ ދިވެއްސެއްގެ ހިޔާލެވެ. ދިވެހިންގެ މަސައްކަތެވެ. ދިވެހިންގެ ބްރޭންޑެކެވެ.
އެމްއޭސީއެލްގެ މަލްޓި މީޑިއާ ސްޕެޝަލިސްޓް، ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން ސެކްޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ އިބްރާހިމް އިސްރާޖްގެ މިމަސައްކަތް ހިނގައި ދިޔަގޮތް އޮޅުންފިލުވާލުމަށް ގުޅާލުމުން ވިދާޅުވީ، މި ކޮންގްރެސްއަށް ލޯގޯއެއް ތައްޔާރު ކުރުމާއި މޮނިއުމަންޓެއް ހެދުމަށް ހިންގާ ކޮމެޓީން ނިންމައި އޭނާއާއި އެންމެންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުމަށް ނިންމައި މަސައްކަތް ފެށީކަމަށެވެ. އަދި ލޯގޯގައި ހުންނަން ވާނެ ސިފަތަކާއި ދިވެހި ރައްޔިތުންނަށް ދޭންބޭނުންވާ މެސެޖެއް ވަރަށް ފުރިހަމައަށް ފުރަތަމަ ފެނިލުމުންވެސް ދޭހަ ކޮށްދޭން އޭނާއަށް ވީ އެންމެ ރަނގަޅަށް މަސައްކަތް ކޮށްފައިވާނެކަމަށް އިސްރާޖް ވިދާޅުވިއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ލޯގޯ ފަރުމާކުރި އިސްރާޖް މޮނިއުމަންޓް ކައިރީގައި/ފޮޓޯ: އެމްއޭސީއެލް
އިސްރާޖު ވިދާޅުވީ ލޯގޯ ފަރުމާ ކުރުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ކޮންގްރެސްގެ ނަން ބޭނުންކޮށްގެން ދިވެހިވަންތަކަން ނުގެއްލޭ ގޮތަށް، ދިވެހީންގެ ކުރީޒަމާނުގެ ހަނދާންތަކާއި، އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ މިޒަމާނުގެ ހަނދާންތަކާއި، ދިވެހީންގެ ރީތިކުލަތައް ބޭނުންކުރުމަށެވެ. މިގޮތުން ކުރީޒަމާނުގައި ބޭނުންކުރި " ރާބަނދި " އަދި ބަޑިޔާ، ދިވެހި ކުނާ ފަދަ ތަކެތި ބޭނުން ކޮށްފައިވާނޭ ކަމަށެވެ.
ތެދެކެވެ. ލޯގޯއިން ދިވެހީންގެ ކުރީޒަމާނުގެ އާދައެއް ކަމުގައިވާ ރާވެރިކަން ރަމްޒުކޮށްދީފައިވަނީ ވަރަށް ފުރިހަމައަށެވެ. މީގެ އިތުރަށް ލޯގޯއިން އިތުރަށް ފަތުވެރިންގެ ޙާއްސަ ސަމާލުކަމެއް ލިބިފައިވާ މަންޓާރޭގެ ރީތި ކުރެހުމެއް ދައްކުވައިދީފައިވެއެވެ. ޖައްވުގައި ދޫނިތައް އުދުހިލާ ހިތްގައިމު މަންޒަރާއިއެކު އިތުރަށް ފުރިހަމަކަން ގެނުވައިދީފައިވަނީ ވެލައެއް އޭގެ ޒާތުގައި ހަމަޖެހިލައިގެން އޮންނަތަނެވެ. ހިޔާލު މުއްސަނދި އިސްރާޖުގެ ވިސްނުން މިޒަމާނަށް ގެނެސް ދައްކުވައިދިނީ ރާއްޖޭގެ ފަތުރުވެރިކަން ރަމްޒުކޮށްދޭ އެއާ ޓެކްސީއެއް އުދުހިލާ މަންޒަރެވެ.
މިއީ ހަމަޔަގީނުންވެސް ފުރިހަމަ ރީތިމަސައްކަތަކެވެ. އޭވިއޭޝަން ދާއިރާގައި މުޅި ދުނިޔޭގައި ހަރަކާތްތެރިވާ 200 އެތައް މަންދޫބުންނަށް މަރުހަބާ ކިޔާލި މި މޮނިއުމަންޓަށް އާންމު ރާއްޔިތުންގެ ޝުއޫރުދަނީ ބަންޑުންކުރަމުންނެވެ. މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ބޮޑު ކޮންގްރެސްއެއް ރާއްޖޭގައި އޮންނަ އިރު މިފަދަ ފުރިހަމަ މަސައްކަތްތަކުން އެނގިގެންދަނީ ދިވެހިންނަކީ ވެސް ފަންނުވެރި ހުނަރުން ފުރފައިވާ ބައެއްކަމަށެވެ.
އިސްރާޖުގެ މަސައްކަތް ވަރަށް ފުރިހަމައެވެ. އެމްއޭސީއެލްގެ މިމަސައްކަތްތުން މި ކޮންގްރެސް އަޅުގަނޑަށް މިނެކިރާ ލެވިއްޖެއެވެ. ޔަގީނުންވެސް މިއީ ފުރިހަމަ ކޮންގްރެސްއަކަށް އެމްއޭސީއެލުން ތައްޔާރުވެފައިވާ ކަމުގެ ހެއްކެކެވެ. ކާމިޔާބަށް އެދެމެވެ.

