އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ހިނގި ބަޑީގެ ހަމަލާތަކުގައި ހަ އާންމުންގެ މީހަކާއި އިންޑިއާ ސިފައިންގެ ދެ މީހަކު މަރުވެފައިވާއިރު، އެ ސަރަހައްދުގެ ސަލާމަތީ ހާލަތާ މެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކަޝްމީރު ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ވިދީ ކުމާރު ބިރްދީ އާދީއްތަ ދުވަހު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ސަރަހައްދުގެ ކުލްގަމް ޑިސްޓްރިކްޓްގެ އަވަށްތަކުގައި ސަލާމަތީ ބާރުތަކުން ތަފާތު ދެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ބިރްދީ ބުނީ މޮޑަގްރާމާއި ފްރިސަލް ޗިންނިގަމް ވިލެޖްގައި މެދުނުކެނޑި ބަޑީގެ ހަމަލާތައް ދެމުންގެންދާ ކަމަށެވެ.
“މޮޑަގްރާމް އިން ދެ މީހެއްގެ އިތުރުން ފްރިސަލް ޗިންނިގަމްއިން މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ވަނީ ހޯދާފައި،” ބިރްދީ ބުންޏެވެ.
މި ނުރައްކާތެރި ހާދިސާއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މި ސަރަހައްދުގައި 1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން އިންޑިއާގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ޖަމާއަތަކުން ކުރަމުން ގެންދާ ބަޣާވާތުގައި ދިން ހަމަލާތަކެކެވެ. ފަހަކަށް އައިސް ހަމަނުޖެހުންތައް މަދުވި ނަމަވެސް އެތައް ހާސް ބަޔަކު ވަނީ މި ހަމަނުޖެހުންތަކުގައި މަރުވެފަ އެވެ.
ޕާކިސްތާނުން އެ ސަރަހައްދުގައި ބަޣާވާތް ކުރާ މީހުންނަށް ތާއީދުކޮށް އެއްބާރުލުން ދޭ ކަމަށް އިންޑިއާއިން އަބަދުވެސް ތުހުމަތު ކުރާ އިރު، ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހިމާލިޔާ ސަރަހައްދަކީ އެމީހުންގެ ތަނެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް ދެ ގައުމުގެ ވެސް ބާރު އޮންނަނީ އެ ސަރަހައްދުގެ ވަކި ހިސާބަކަށެވެ. މުޅި އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް ދެ ގައުމުގެ ދެމެދުގައި ތިން ހަނގުރާމައެއް ހިނގާފައިވެ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ ހިންދޫގެ ފައްޅިއަކުން މީހުން ގޮވައިގެން ދިޔަ ބަހަކަށް ބަޑީގެ ހަމަލާދީފައެވެ. މި ހާދިސާގައި އިންޑިއާގެ ނުވަ މީހަކު މަރުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. މިއީ ފާއިތުވި އަހަރުތަކުގައި ކަޝްމީރުގައި އިންޑިއާ ރައްޔިތުންނަށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ.
2019 ވަނަ އަހަރުގެ އޮގަސްޓް މަހު މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން ކަޝްމީރަށް ދީފައިވާ ހާއްސަ ދަރަޖަ އުވާލުމުގެ ސަބަބުން އެމީހުންނަށް ވަކި ގާނޫނު އަސާސީއެއް ގާއިމްކޮށް، އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އާއި 35 އޭ ގެ ދަށުން ބިން ހިމާޔަތްކޮށް ވަޒީފާ ލިބުމުގެ ހައްގު ގެއްލިގެން ދިޔައެވެ.
އެއާއި ގުޅިގެން ދުނިޔޭގެ އެންމެ އަސްކަރީ ގޮތުން ވަރުގަދަ އެއް ސަރަޙައްދުގެ ސަލާމަތީ ފިޔަވަޅުތައް އެތައް މަހެއްވަންދެން ވަނީ ހުއްޓުމަކަށް އައެވެ.
ސަރުކާރުން ބުނީ މިއީ “ޓެރަރިޒަމް” ނިމުމަކަށް ގެނައުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ކަޝްމީރުގެ ރައްޔިތުން އިންޑިއާ ސަރުކާރުން އިތުރަށް އެކަހެރިކޮށްފައި ވެއެވެ. 2019 ވަނަ އަހަރު އެ ސަރަހައްދުގެ ހާއްސަ ދަރަޖަ އުވާލި ފަހުން އެ ސަރަހައްދު ހިންގަމުން އައީ ނިއު ދިއްލީއިންނެވެ.

