ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ %93 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، މިހާރު ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 81 ޕަސެންޓް ނިމިއްޖެއެވެ އަދި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެެއެވެ.
މި މަޝްރޫޢުގެ ދަށުން، 25,500 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5,433 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 173 މީޓަރުގެ ބޭރުތޮށި ލުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.
އަދި 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 2 ރޭމްޕެއް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫޢެެކެވެ.

