އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ ފަށައިފިއެވެ.
މިދައުރާގައި ކިޔަވައިދެއްވާނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ޕްރޮފެސަރ އަދި އަލް މަސްޖިދުއް ނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްސުތާޒް ޑރ. އަބްދުއްސަލާަމް އައް ސުޙައިމީ އާއި އިމާމު މުހައްމަދު ބުނު ސުޢޫދު ޔުނިވާރސިޓީގެ ޕްރޮފެސަރއެއްކަމުގައިވާ ޑރ. އާދިލް އައްސުބައިޢީ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ދައުރާ އޮންނަނީ މި ޖުލައި މަހު ނުވަވަނަ ދުވަހާއި ދިހަ ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފޮނުއްވާ ދީނީ ޢިލްމުވެރީން އެކި ދަންފަޅިތައް ނަންގަވައިދެއްވާ މި ދައުރާގައި މަޢުލޫމާތު ދެއްވާނީ ޢަރަބި ބަހުން ކަމަށްވެސް ބުނެފައި ވެއެވެ.
އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ފުރަތަމަ ދައުރާ ބާއްވައިފައި ވަނީ ނިމުނު މެއި މަހުގައެވެ.

