ދިވެހިރާއްޖޭގެ އަމާންކަމާއިމެދު ދުނިޔެއިންކުރާ އިތުބާރަށް ދެގޮތެއްވިޔަނުދިނުން، އެންމެންގެ ޤައުމީ މޮޓޯއެއްކަމުގައި ހަދަންޖެހޭކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު ވަރުގަދަކުރެވި، ތަރައްޤީގެ ދުވެލި ބާރުކުރެވި، ދިވެހީން އެދޭ ތަމައްދުނާއި ކުރިއެރުން ޙާސިލްކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި “ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ” ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ..
ކްރޮސްރޯޑްސް މޯލްވްސްގައި ކުރިއަށްދިޔަ އެ ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ދިވެހި މުޖުތަމަޢުގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސަކީ ދިވެހީންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކަށްވުން ކަމަށެވެ. އަދި ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން، މި ރާއްޖެ މަޝްހޫރުކަން ހޯދާފައި ވަނީ، ޤުދުރަތީ ރީތިކަމާ، ދިވެހީންގެ ކިބައިގައި ލައްވަވާފައިވާ ހިތްހެޔޮކަމާ، ކެތްތެރިކަމާ، އެއްބައިވަންތަކަމުގެ އާދަކާދަތައް ދަމަހައްޓާފައިވާތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ..
ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިއަދު ކުރިއަށްދާ ކޮންފަރެންސްގެ ބޭނުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ ކޮންފަރެންސްގެ ބޭނުމަކީ، ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން، ރާއްޖޭގެ އަމާންކަމާ، މުޖުތަމަޢުގެ ބަދަހިކަމާ، ވިލުންވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ދެނެގަނެ، ސަލާމަތާ، ރައްކާތެރިކަމުގެ ހާލަތު އޮތްގޮތް ތަޞައްވުރުކުރުން ކަމުގައެވެ. އަދި މާދަމާގެ އަމާންކަމަށް މިއަދު ކުރަންވީ ކަންކަމުގެ އަމާޒުތައް ކަނޑައެޅުމަކީވެސް އެ ކޮންފަރެންސްގެ ބޭނުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ރަނގަޅު ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ވިސްނުމާއި ފިކުރު ތަރައްޤީކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދީ އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރާވަންޖެހޭކަމަށާއި، މިކަންކަން ކުރިއަށް ގެންދިއުމުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ އެއްބާރުލުން ހޯދުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ދަރީންގެ ހިތްތަކާ ފިކުރިއްޔާތުގައި އިސްލާމީ ރިވެތި އާދަތައް ބިންވަޅު ނަގުވައި، ކެތްތެރިކަމާ ތަހައްމަލުކުރުމުގެ ރިވެތި އާދަ ހުންނަ، ޤައުމު ދެކެ ލޯބިވާ، އެއްބައިވަންތަ، އަދި އެއްބައެއްވަންތަ ދިވެހި މުޖުތަމައެއް އުފެއްދުމަކީ ދުރާލާ މަސައްކަތްކޮށްފިނަމަ، ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

