އާސަންދައިގެ ދަށުން ދިވެހިންގެ ތެރެއިން އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މިކަން ހާމަކުރަމުން އެކްސް.ކޮމް ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި އާސަންދައިން ބުނީ، ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 2 ފަހަރު، އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް، ސަރުކާރުގެ ހަފުތާ ސާދައިގެ މަގުޗާޓުގައި ބަޔާންކޮށްފައިވާނޭ ކަމަށެވެ. އަދި މިހާރު އެސިޔާސަތު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުގެ މަތިން މިމަހުގެ އެއްވަނަ ދުވަހުން ފެށީގެން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް އާސަންދަ އެކްސްޕޯސްޓުގައި ބުނެފައިވެއެވެ..
އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގެ ރައްޔިތުންނަށް މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުން ވަނީ މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ވަނީ 50 އަހަރުން މަތީގެ އުމުރުފުރާ އަދި އޭޕްރިލް 1 ވަނަ ދުވަހު ވަނީ 18 އަހަރުގެ ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
އާސަންދައިން މިމަހުގެ އެއްވަނަ ދުވަހު ނިންމި ނިންމުމާއިއެކީ، މިހާރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދިގެންދާނެއެވެ.

