މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ލ އަތޮޅު ގާދޫގައި ތަރައްގީކުރާ މެރިޓައިމް ހަބުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ލ ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީކޮށް ހިދުމަތް ދިނުމަކީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދާއި އެއްގޮތަށް އެސަރަހައްދަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް އެމްޕީއެލުން ފަށައިގަތެވެ.
މިކަމާއި ގުޅިގެން އެމްޕީއެލްގެ ސީއީއޯ ” ހުވަދޫ ” އަށް ވިދާޅުވީ، އެމްޕީއެލުން ލ އަތޮޅުގައި ގާއިމް ކުރުމަށް ހަަމަޖެހިފައިވާ މަޝްރޫޢު ނުހުއްޓި ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާއި ވާހަކަ ދެކެވި މިހާރު ދަނީ މި މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. އުއްމީދު ކުރައްވަނީ މި ޖުލައި މަހުގެ ފަހުކޮޅު މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.
އެމްޕީއެލުން އެންމެ ފުރަތަމަ ފަށާ މަސައްކަތެއްގެ ގޮތުގައި ވާނީ ލ ޕްރޮޖެކްޓް، އެއީ ޔަގީންކަމެއް. ޗައިނާގެ ކުންފުނިން ވަރަށްބޮޑު ޔަގީންކަމެއް ދީފައޮތީ މި މަހުގެ ފަހުކޮޅު މަސައްކަތް ފެށޭނެކަމަށް- ސީއީއޯ ވަޖީހު
މިމަސައްކަތުގެ ތެރެއިން ޒަރޫރީ ޚިދުމަތްތައް ހިމެނޭ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުމަށް ނިންމާފައިވެއެވެ. އަދި އޮފްޝޯ ބަންކަރިންގެ ހިދުމަތާއި، ކުރޫޒް ޓާމިނަލްގެ އިތުރުން ޔޮޓް ފަހަރު ޕާކިން ޒޯނެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން މެރިޓައިމް ދާއިރާއާއި ގުޅުން ހުރި އިތުރު ހިދުމަތްތައް ފުޅާވެގެންދާނެ އެވެ.
އަދި މި މަސައްކަތާއިއެކު އެމްޕީއެލުން ދަނީ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ.
ސީއީއޯ ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތާއެކު ރާއްޖޭގެ އުތުރަށް ގެންނަ އާ ހިދުމަތްތަކުގެ ތެރޭގައި އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމުކުރުމަށް އެ ކުންފުނިން ވިސްނާފައިވާ ކަމަށެވެ.
ވަޖީހު ވިދާޅުވި ގޮތުގައި އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށްނުދެވެ އެވެ.

