ކިރަބެޓް ހިމެނޭހެން އޮންލައިންކޮށް ބެޓްކުރާ ވެބްސައިޓްތައް ބްލޮކްކުރަން ދިވެހި ފުލުހުން ކޭމް އަށް ހުށަހަޅައިފިއެވެ.
މިކަމާއި ގުޅޭގޮތުން ބަހެއް ހޯދާލަން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އޮންލައިން ނޫސް ވަގުތައް ވިދާޅުވެފައިވަނީ އެފަދަ ހަތަރު ސައިޓެއް ބްލޮކްކުރުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައިވާނެކަމަށެވެ.
ފަހަކަށް އައިސް އޮންލައިންކޮށް ބެޓް ކުރުމާއި ޖުވާއަށްވާފަދަ ގޭމްތައް ކުޅުން ވަނީ އާއްމުކަމަކަށް ވެފައެވެ. އަދި ހާއްސަކޮށް ޒުވާނުން މި ޕްލެޓްފޯމްތައް ގިނައިން ބޭނުންކުރަމުންދެއެވެ.
ބެޓް ކުރާ އެކިއެކި ސައިޓްތަކަށް ވަދެ ފައިސާ ހޯދުމަކީ ދިވެހި މި މުޖުތަމައު ތެރޭގައި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ. އަދި ފައިސާ ހުށައަޅައިގެން މީހުންލައްވައި މި ގޭމް ކުޅުންވެސް ވަނީ އާންމުވެފައެވެ.

