ދަރިފުޅަކަށް އަދި އާއިލާ މީހަކަށް ސަރުކާރުން ވަޒީފާ ހޯދައިދޭން މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނޯންނާނޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވެފައި ވަނީ ވަޒީރު ޝަހީމްގެ ކޮއްކޮ އަހުމަދު ޝިފާޒަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމަށާއި ވަޒީރުގެ ދަރިފުޅު މާހިލް ޝަހީމްއަށް މެލޭޝިޔާ ހައި ކޮމިޝަނުން ވަޒީފާއެއް އަދި ބުނެ ސޯޝަލް މީޑިއާގައި ވަޒީރަށް ތުހުމަތުކޮށް ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި ޑރ ޝަހީމް އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިޔަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުުރުސަތަކީ އޭނާ ނާޖާއިޒު ގޮތުގައި ހޯދައިދެއްވާނެ ފުރުސަތެއް ނޫން ކަމަށެވެ.
“ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،” ފާޑުކިޔުންތަކާ ގުޅިގެން ޝަހީމް ފޭސްބުކުގައި ވިދާޅުވެފައިވެއެވެ.

