އައްޑޫ ސިޓީއަށް ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓު ފަހަރު މެދުވެރިކޮށް ޕެރިޝަބަލް ކާގޯ ގެނައުމާއި، ހިތަދޫ ޕޯޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުގެ އިސް ފަރާތްތަކާއި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އަދި މެނޭޖްމަންޓްގެ އިސް ބައެއް ބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.
އައްޑޫ ސިޓީއަށް މި މަހުން ފެށިގެން ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. މީގެ ކުރިން އައްޑޫއަށް އިންޑިއާގެ ޓުޓިކޮރިންއިން ޕެރިޝަބަލް ކާގޯ ގެންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށްވާތީ، އެ ބޯޓު ފަހަރުން ދަތުރުކުރެވެނީ އަހަރުގެ ވަކި ދުވަސްތަކެއްގައެވެ. އެހެން ނަމަވެސް، އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ދާއިމީ ގޮތެއްގައި ގެނައުމަށް އެމް.ޕީ.އެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސް ގުރޫޕު މެދުވެރިކޮށް ޖުލައި މަހުން ފެށިގެން އިންޑިއާގެ ޓުޓިކޮރިން އިން ދަގަނޑު ބޯޓު ފަހަރުގައި ދަތުރުތައް ފަށާނެއެވެ. އެގޮތުން އަންނަ ފުރަތަމަ ބޯޓު މިރޭގެ ވަގުތެއްގައި އައްޑޫއަށް އަންނާނެއެވެ.

އައްޑޫސިޓީ ހިތަދޫ ޕޯޓުގެ ހިދުމަތްތަކާ ގުޅޭ ގޮތުން އެމްޕީއެލްގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން…..ފޮޓޯ:އެމްޕީއެލް
އައްޑޫގެ ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ސީ.އީ.އޯ ވަޖީހް ވަނީ އިންޑިއާގެ ޓުޓިކޮރިން އިން ދާއިމީ ގޮތެއްގައި އައްޑޫއަށް ދަތުރުތައް ކުރިއަށް ގެންދިއުމަށް، ވިޔަފާރިވެރިންގެ އެއްބާރުލުން ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި މިކަމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައްވެސް ސާފުކުރެއްވިއެވެ.
"އަޅުގަނޑުމެންނަކި މެދުވެރިން. އަޅުގަނޑުމެން ބޭނުންވަނީ ހިތަދޫ ޕޯޓަށް އަންނަ ބޯޓު ފަހަރު އިތުރުކުރުން. އޭރުން ހިތަދޫ ޕޯޓުގެ އާމްދަނީވެސް އިތުރުވެ، ކުރިއެރުން ލިބޭނީ. މިއީ އައްޑޫގެ ވިޔަފާރިވެރިންވެސް ބޭނުންވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" ވަޖީހު ވިދާޅުވިއެވެ.

އައްޑޫސިޓީ ހިތަދޫ ޕޯޓުގެ ހިދުމަތްތަކާ ގުޅޭ ގޮތުން އެމްޕީއެލްގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން…..ފޮޓޯ:އެމްޕީއެލް
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން ވަނީ މުދާ ގެނައުމުގައި މި ވަގުތު އެ ފަރާތްތަކަށް ދިމާވާ ދަތިތައް ހިއްސާކޮށް، މިކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު އެ ފަރާތްތަކުގެ ހިޔާލުފާޅުކޮށްފައެވެ.
މީގެ އިތުރުން، އެމް.ޕީ.އެލްގެ މިހާރު މެނޭޖްމަންޓް ހަވާލުވި ފަހުން ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި ލިބިފައިވާ ފަސޭހަކަމާއި، މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ބައެއް ވިޔަފާރިވެރިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އައްޑޫ ސިޓީގެ އިޤްތިސާދު ކުރިއެރުމަށް އިތުރު މަގުތައް ކޮށައިދީ، އިޤްތިސާދީ ހަރަކާތްތައް އިތުރުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރަމެވެ.

