ރާއްޖޭގައި މި ދުވަސްވަރު ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުން އަންނާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެތަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ 23-29 ވަނަ ދުވަހުގެ ނިޔަލަށް ލޮލު ރޯގާގެ 407 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، މިދިޔަ މަހުގެ 30 އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ބަލީގެ 337 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.
މާލެ ސަރަހައްދާއި ބައެއް އަތޮޅުތަކުގައި ލޮލުރޯގާ އާއި ފާނަބަސަންދު ބާރަށް ފެތުރެމުން އެބަދެ އެވެ. އަދި ހޭންޑް ފުޓް އެންޑް މައުތު ބަލީގެ ބައެއް ކޭސްތައް ވެސް ވަނީ ފެނިފަ އެވެ.
ހެލްތު މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 23 އިން މި މަހު 6 ގެ ނިޔަލަށް ލޮލުރޯގާގެ 744 ކޭސް ރިޕޯޓް ކޮށްފައިވާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދާއި ލާމު އަތޮޅު އަދި ފުވައްމުލަކުންނެވެ. ފާނަބަސަންދުގެ 201 ކޭސް ރިޕޯޓް ކޮށްފައިވާއިރު އޭގެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ޅަވިޔަނި އަތޮޅާއި އަދި އައްޑޫ ސިޓީއިންނެވެ. އަދި ހޭންޑް ފުޓް އެންޑް މައުތު ބަލީގެ 46 ކޭސް އައިސްފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި އދ. އަތޮޅުން ކަމަށްވެއެވެ.
ހިރިޔާ ސްކޫލްގައި ފާނަ ބަސަންދު ފެތުރެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ދިޔާނާ އަހުމަދު ދީދީ ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

