ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ޙިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ރިސޯޓްތަކުން ކުނި ނެގުމުގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯއާއެކު ކޮރާ ކޮރާ މޯލްޑިވްސް ރިސޯޓުން ވަނީ، މި ހިދުމަތް ފެށުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ވެމްކޯ އިން ބުނީ ރިސޯޓް ކަލެކްޝަންގެ ޙިދުމަތް ވެމްކޯ އިން ފެށީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފަރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. މި ޙިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.ަ
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ރިސޯޓްތަކުން ނެގޭ ކުނި ވެސް ނެގޭނީ ޕްލާސްޓިކް، ބަދިގެ ކުނި ބިއްލޫރި/މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހު ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

