ބޮޑު ސްކޭމެއްގެ ދަށުން މަކަރާއި ހީލަތުން މީހެއްގެ ވިޔަފާރި އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގެން މައްސަލައިގައި ބޮޑު ކުރިއެރުމެއް ފުލުުހުން ހޯދައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ނިމިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ގައި ކަމަށެވެ. ވިޔަފާރި ކުންފުނީގެ ހިއްސާދާރަށް މެސެޖުކޮށް ރަސްމާލެ މަޝްރޫޢުއަށް ސަޕްލައިކޮށްދިނުމުގެ ނަމުގައި އޮޅުވާލައިގެން އީމެއިލް ހޯދާ އޭނާގެ ބޭންކް އެކައުންޓުތަކަށް ސްކޭމަރުން ވަނީ ވަދެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ނަޝީދާ ވިދާޅުވީ ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް އޮޅުވާލައިގެން ކާކުން ނޭނގޭ ނަމްބަރަކުން ގުޅައިގެން ޕްރޮޖެކްޓްތަކަށް ސަޕްލައި ކުރުމުގެ ނަމުގައި ފައިސާ ފޭރިގަތް ކަމަށެވެ.
ނަޝީދާ ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ރިކަވަރަ ކުރެވިފައިވަނީ 548،000 ރުފިޔާކަމަށެވެ. 1.9 މިލިއަން ރުފިޔާ ފޭރިގަންފައިވާއިރު، އެ ބޮޑު ސްކޭމަށް ހޭދަކޮށްފައިވަނީ އެންމެ 2 ގަޑި އިރާއި 46 މިނެޓް ކަމަށްވެސް ފުލުހުން ބުނެއެވެ.
އިތުރަށް ފުލުހުން ބުނީ އެ ސްކޭމް ބޭންކަށް ގުޅައިގެން ހުއްޓުވުނު އިރު ކުންފުނީގެ އެކައުންޓުގައި ބާކީ ހުރީ 8 ލައްކަ ރުފިޔާކަމަށެވެ. މިސްކޭމް މައްސަލައިގައި ފައިސާގެ ހުރިހާ މުޢަމާލާތްތެއްގައި ޖުމްލަ 158 މީހެއް ބައިވެރިވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލާގައި ހިމެނޭ އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި 59 އެކައުންޓެއް ވަނީ ފްރީޒްކޮށްފައި ކަމަށްވެސް ބުނެފައި ވެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށްވެސް ތަހުގީގް ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

