ރާއްޖޭގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރާ ބިދޭސީން މަދުކުރުމުގެ ސިލްސިލާ މަސައްކަތުގެ ދަށުން އަތޮޅު ތެރޭގައި އޮޕަރޭޝަން ” ކުރަނގި ” ފަށައި ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.
ރާއްޖޭގައި ގަވާއިދާއި ހިލާފަށް މަސައްކަތްކުރާ ބީދޭސިންގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުނުވި ބޮޑު މައްސަލައެކެވެ. އެހެން ނަމަވެސް މި ސަރުކާރު ބަދަލުވިފަހުން އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ފުޅާވެ ގަވާއިދާއި ހިލާފު ބިދޭސީން ހޯދުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑުތަނުން ފުޅާކޮށްފައެވެ.
މީގެ ތެރޭގައި އެކިއެކި ކުއްތަކުގައި ޝާމިލްވާ ބިދޭސީންނާއި، ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީން މިހާރުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ” ހުވަދޫ ” އަށް ވިދާޅުވީ އަތޮޅުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން މަދުކުރުމަށް އަދި އެފަރާތްތައް ދެނެގަތުމަށް ކުރަނގި ނަމުގައި އޮޕަރޭޝަނެއް ކުރިއަށް ދާކަމަށެވެ. އަދި މި އޮޕަރޭޝަން ނިމުމުން އަތޮޅު ތެރޭގައި ވެސް ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދާނެކަމަށެވެ.
އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން، މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެކެވެ. އެފަދަ ފަރާތްތައް އެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ދަށުން، 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ އިސްނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ޑޮލަރު ވިއްކުމުގައި ޙަރަކާތްތެރިވާ ބިދޭސީންނާއި، ކޮފީ ޝޮޕެއްތައް ހިންގާ ބިދޭސީންނާއި، މާރުކޭޓު ގޮޅިތަކުގައި ޤަވާއިދާ ހިލާފަށް އުޅޭ ގިނަ ޢަދަދެއްގެ ބިދޭސީންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ މުއްދަތަކައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ކުރިއަށްގެންދިއުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

