ރ. އިނގުރައިދުއަށް 600 ކިލޯވަޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.
ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދުއަށް އާ ޖަނަރޭޓަރު ފޮނުވުނުގެ އިތުރުން އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
ހަމައެހެންމެ ދާދިފަހުން ފެނަކައިން ވަނީ، ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން އެންމެ ޒަމާނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް، ތ. ވަންދޫގައި ޤާއިމުކޮށްފައެވެ.
ހާއްސަކޮށް އޮފް-ގްރިޑް އޮޕަރޭޝަނަށް ފަރުމާކުރެވިފައިވާ މި ނިޒާމުގެ ސަބަބުން، ދުވާލުގެ ވަގުތުގައި 7 – 8 ގަޑިއިރަށް އެ ރަށުގެ ޑީސަލް ޖަނަރޭޓަރުތައް ނިއްވާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ރަށްރަށުގައި ފެނަކައިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިންޖީނުގެތަކުގައި އިންޖީނުތައް އިތުރުކޮށް ހަރަދުތައް ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައްވެސް އެކުންފުނިން ދަނީ ގާއިމުކުރަމުންނެވެ.

