ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަދި ރައީސުލް ޖުމްހުރިއްޔާގެ އިގްތިސާދީ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ރޯޑު ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އިން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަހަކު 17 މިލިއަން ރުފިޔާ ސަލާމަތްވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނަރަލް ރިޑަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ސަރުކާރުގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ މިސަރުކާރުން އާރްޑީސީ އާއި ހަވާލުވިއިރު ކުންފުނި އޮތީ ވަރަށް ހާލުގައިކަމަށެވެ. އަދި ކުންފުންޏާއި ހަވާލުވެ އާރްޑީސީގެ ހިންގުމަށް ގިނަ ބަދަލުތަކާއި މަސައްކަތަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.
ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރަނި ވެފައިކަމަށާއި، އަދި ގިނަރަށްރަށުގައި މަސައްކަތްތައްވެސް ވަނީ ހުއްޓިފައިކަމަށެވެ. އެހެންނަމަވެސް އެޅިފިޔަވަޅުތަކާއި ގެނެވުނު ބަދަލުތަކުން މިހާރު ހުރިހާ ރަށެއްގައި ވެސް މަސައްކަތްތައް ވަނީ ފެށިފައިކަމަށް އަލީ ޒުހައިރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަލީ ޒުހަައިރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އަންގަވާފައިވާ ގޮތަށް ކުންފުނި ރީސްޓަރަކްޗަރ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. މިހާރުވެސް ކުންފުންޏާއި އެކަށީގެންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން ނަގާފައިވާކަމަށެވެ.
ޒުހައިރު ވިދާޅުވީ ކުންފުނި ޖުމްލަކޮށް ބަރޯސާވެފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގައިގެން، އެއިން ލިބޭ އާމްދަނީ އިން ކުންފުނި ހިންގާ ގޮތަށް ކަމަށެވެ. އެއީ އެންމެ އެކަށީގެންވާ ގޮތަކަށް ކުންފުނި ކުރިއަރައިގެންދާނެ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.
“އަބަދު ކެޕިޓަލް އިންވެސްޓްކޮށްގެން ކުންފުނި ރަންއެއް ނުކުރެވޭނެ. އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ އިތުރު އެހެން ގޮތެއް ހޯދަން. އެންމެ ބޮޑަށް މިހާރު މަސައްކަތް ކުރަނީ ވިޔަފާރި ޑައިވަރސިފައި ކުރުމަށް. ވިޔަފާރީތައް އޭގެ ތެރެއަށް ވެއްދުމަށް، އަޅުގަނޑުމެންނާއި ގުޅޭ އެންމެ ރަނގަޅު ވިޔަފާރީތަކަކީ ކޮބައިތޯކަން ބަލާ، ޕްރައިވެޓް ސެކްޓަރުގެ ތެރެއަށް މާބޮޑަށް ނުވަދެ އެކަން ކުރެވޭނެ ގޮތެއް ހޯދަންޖެހޭ”
ކުންފުނީގެ މުވައްޒަފުންނާއި ގުޅޭގޮތުން ޒުހައިރު ވިދާޅުވީ، އާރްޑީސީއަކީ ޕްރޮޖެކްޓްތައް ނަގައި މުއްދަތަށް ނިންމުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވުމުން، މުވައްޒަފުންވެސް ނަގަނީ އެ ޕްރޮޖެކްޓަކަށް ވާވަރަށް ޕްރޮޖެކްޓް މުއްދަތަށް ކަމަށެވެ. އެހެންކަމުން އެ ޕްރޮޖެކްޓް ނިމުން އެމުވައްޒަފުންވެސް ދޫކޮށްލާނެކަމަށެވެ. އަދި މުވައްޒަފުން ދޫކުރާއިރު އެމުވައްޒަފަކަށް ދޭންޖެހޭ ހުރިހާ އިނާޔަތްތައް ދޭނެކަމަށެވެ. ޕްރޮޖެކްޓެއް ހިނގާ ރަށެއްގައި، އެކުންފުނިން ހިންގާ ޕްރޮޖެކްޓް ނިމުމުން އެމުވައްޒަފުން ދޫކޮށްލުމަކީ ކުންފުނީގެ އެޗްއާރް ޕޮލިސީގައިވެސް އިންނަ ގޮތްކަމަށެވެ.
ހެވީ ވެހިކަލްތައް ރާއްޖޭގައި ވެސް އެކި މަސައްކަތްތަކަށް ގެންގުޅޭ ކަމަށާއި ނަމަވެސް އެ ވެހިކަލްތައް މަރާމަތުކޮށް ބަލަހައްޓާނެ ވަކި ގޮތްތަކެއް ރާއްޖޭގައި ގެންގުޅޭތަން ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ. އާރްޑީސީން ވެސް ވަރަށް ގިނަ ވެހިކަލްތައް ގެންގުޅޭތީ ކުންފުނީގެ އެއް އަމާޒަކީ ވެހިކަލްތައް މަރާމަތުކޮށް ބަލަހައްޓާނެ ގޮތެއް، ކަނޑައަޅާ ވިޔަފާރީ އުސޫލުން އެކަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

