އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގެ ތެރޭ މީހަކު ބަޑިން ހަމަލާދޭން މަސައްކަތްކޮށްފި އެވެ.
އުމުރުން 78 އަހަރުގެ ޓްރަމްޕް ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ބަޑިން ހަމަލާދޭން މަސައްކަތްކުރީ އޭނާ ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނަވަނިކޮށެވެ.
ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ބަޑީގެ އަޑުފައްގަނޑާ އެކު ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ.
ސީކްރެޓް ސާވިސްގެ އެޖެންޓުން ހަމަ އެވަގުތު ސްޓޭޖަށް އަރައި ޓްރަމްޕް ވަށާލުމަށް ފަހު ހަރުކަށިކަމާ އެކު ޓްރަމްޕް ސްޓޭޖުން ބާލައިގެން ގެންދިޔަ އެވެ. އޭރު ވެސް ޓްރަމްޕް ގޮށްމުއްކަވައިގެ ހުންނަވައި މައްޗަށް އަތް ހިއްލަވައި، އޭނާ ހުންނެވީ ގަދަ ހިތްވަރުގައި ކަމުގެ ނިޝާން ދައްކާލި އެވެ.

މި ހަމަލާ ދީފައި މި ވަނީ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސިއްހީ ހާލުކޮޅާ ހެދި އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ. ހަމަލާއަށް ފަހު ބައިޑެން ވިދާޅުވީ މިފަދަ އަނިޔާވެރި އަމަލުތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ ކަމަށެވެ.
"ޓްރަމްޕް ސަލާމަތުން ހުންނެވީތީ އުފާކުރަން،" ބައިޑެން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ. "ޓްރަމްޕާއި އޭނާގެ އާއިލާ އާއި ރެލީގައި ތިބި އެންމެންނަށް ވެސް އަޅުގަނޑުގެ ހެޔޮ ދުއާތައް ފޮނުވަން އަދި ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދެން."
ބައިޑެންގެ ބަޔާން އޭނާ ވަނީ ޓީވީ މެދުވެރިކޮށް ވެސް ދެއްވައިފަ އެވެ. ގޭގައި ހުންނަވައި ދެއްވި ބަޔާނުގައި ވިދާޅުވީ މިކަހަލަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށެވެ.

