ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ މަސައްކަތް އާއިލީ ތަރައްގިއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެ ވުޒާރާއިން ބުނީ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ގޭގެއަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައް ކަމަށެވެ.
އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް. އެޗް) އާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެފައި ކަމަށާއި، ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ބުނެފައި ވެއެވެ.
ވަކިން ޙާއްސަކޮށް އެފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވާކަމަށް ވެސް ބުނެފައި ވެއެވެ.

