އިންޑިއާއިން ސީދާ ދަތުރުތައް އައްޑޫސިޓީ ޕޯޓަށް ކުރައްވާނެކަމަށް އެމްޕީއެލުން އިއުލާން ކުރުމާއި ގުޅިގެން، އަދި ޕެރިޝަބަލް މުދާގެނައުމަށް ސީދާ ދަތުރުތައް ކުރުމަށް ހަމެޖެހުމުން އާންމު ވިޔަފާރިވެރިންގެ ޑިމާންޑާއި އެއްވަރަށް އިތުރު ކާގޯބޯޓެއް ޝެޑިއުލްކުރުމަށް އެމްޕީއެލުން ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ އަށް ދާއިމީ ގޮތެއްގައި ޕެރިޝަބުލް ކާގޯ ގެންދެވޭނެ ގޮތް ހަމަ ޖައްސައި މިދިޔަހަފްތާ އެކަނިވެސް 150 ޓަނުގެ ތަރުކާރީ އާއި މޭވާ ވަނީ އައްޑޫސިޓީ ހިތަދޫ ޕޯޓަށް ހުސްކޮށްފައެވެ.
އެމްޕީއެލުން މައުލޫމާތުދެއްވި ގޮތުގައި ޑިމާންޑް ބޮޑުވެ އިތުރު ބޯޓެއް މިމަހު އެޅުމަށް ނިންމައި ފުރުސަތު ހުޅުވާލީކަމަށެވެ. އެހެންކަމުން ހުރިހާ ވިޔަފާރިވެރިންނަށް މުދާގެނައުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިހިދުމަތާއިއެކު ޕެރިޝަބަލް މުދާ ގެނައުމުގެ ޝައުގުވެރިކަން ފުވައްމުލަކު ސިޓީން ވެސް މިހާރު ފާޅުކޮށްފައިވާކަމަށް އެމްޕީއެލުން މައުލޫމާތުދެއްވިއެވެ.
މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭ އަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރި ކޮށެވެ.
މީގެ ކުރިން އެ ޚިދުމަތް ދެވެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ޚިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއް ގައެވެ. އެހެން ކަމުން އަހަރު ތެރޭ ގިނަ ދުވަސްތަކެއް ގައި، އެ ސިޓީ އަށް ބޭނުންވާ، މި މުދާ ގެންނަން ޖެހެނީ މާލެ އިންނެވެ.
އެމްޕީއެލްގެ ސީއީއީ ވަޖީހު ވިދާޅުވީ 1 ޖުލައި ން ފެށިގެން އެ ޚިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، އެ ޚިދުމަތް ލިބެމުން ދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހަމަދު ވަޖީހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

