ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީ އިން ފޮތްމައުރަޒެއް ހުޅުވައިފިއެވެ.
ފެންޑާ 2024 ގެ ނަމުގައި ހުޅުވި މި ފޮތް މައުރަޒު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިއަދު އަދި މާދަމާގެ ހެނދުނު 10 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ދިވެހިބަހުގެ އެކެޑަމީގައެވެ.
މި މައުރަޒު ހުޅުވައި ދެއްވާފައިވަނީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހިމެވެ. މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސްޑރ. އަޝްރަފް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަޝްރަފް ވިދާޅުވީ މި މައުރަޒުގައި ދިވެހިބަހުގެ އެކެޑެމީއާއި ދިވެހި ލިޔުންތެރިން ޝާއިޢުކޮށްފައިވާ ފޮތް ހުންނާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް ފޮތް ލިޔުމަށް އިތުރު ހިތްވަރެއްލިބޭނެކަމަށެވެ.
މި މައުރަޒުން ކުޑަކުދިންނާގުޅޭ އެކި ކަހަލަ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، އަދަބީ ފޮތްތަކުގެ އިތުރުން ވާހަކަ، ނާވިލު، އަދި އެކި ކަހަލަ މަޢުލޫމާތު ފޮތްތަކާއި ފަތްތޫރައިގެ އަދަދުތައްވެސް ލިބެން ހުންނާނެކަމަށް ދިވެހި ބަހުގެ އެކަޑަމީ އިން ބުނެއެވެ.
އޭގެ އިތުރަށް އެ އެކަޑަމީ އިން ބުނީ މުސްތަޤުބަލުގައި އެކެޑަމީން ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތު ހިމެނޭ ފޮތްތައް މައުރަޒުގައި ހުންނާނެ ކަމަށާއި މި މައުރަޒު، މަޢުލޫމާތު އެއްކުރަން ބޭނުންވާ ދަރިވަރުންނަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމުގައެވެ.

