ފާއިތުވި 9 މަސް ތެރޭގައި 2000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އިމިގްރޭޝަން ގެކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ ފާއިތުވެގެންދިޔަ ނުވަ މަސްތެރޭގައި 2013 ބިދޭސީއަކު ޑީޕޯޓްކޮށްލާފައިވާކަމަށާއި ޑީޕޯޓްކޮށްލި ބިދޭސީންގެ ތެރޭގައި ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވެ ވަރަށް ސީރިއަސް މައްސަލަތަކުގައި ހިމެނޭ ބިދޭސީންވެސް ހިމެނޭ ކަމަށެވެ.
މިވަގުތު ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތެރެއިން 120 އަށް ވުރެ ގިނަ ބިދޭސީން ހިފަހައްޓާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި ހިފަހައްޓާ ފަރާތްތަކަކީ ދެވަނަ ފުރުސަތެއް ދެވޭނެ ފަރާތްތަކެއް ނޫން ކަމަށާއި އެބިދޭސީން ވީއެންމެ އަވަހަކަށް ޑީޕޯޓުކުރުމުގެ މަސައްކަތްތައް އިމިގްރޭޝަނުން ކުރަމުން އަންނަ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު ހޯމް މިނިސްޓްރީން އަންނަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

