ސ.ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) ނިޔާވުމާ ގުޅިގެން، ދަޢުލަތުން ދެމީހެއްގެ މައްޗަށް އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމުގައި ދައުލަތުގެ އެދުމަކަށް ހެކިން ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
ނައުޝާދު ނިޔާވެފައި ވަނީ މާލޭ ކްލާސާ ފިހާރާގައި ހިންގި މާރާމާރީއެއްގެ ތެރެއިން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އައިޖީއެމްއެޗުގައެވެ.
ދައުލަތުން ބުނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ “ކްލާސާ” ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ ތޫނު ހަތިޔާރުން ނައުޝާދަށް ދިން ޙަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ނައުޝާދު ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ހަތް ހެކިވެރިއެއް ހުށަހަޅަން ނިންމާފައިވާއިރު ހެކިވެރިންގެ ހެކިބަސް ނަގާއިރު އެމީހުންނަކީ ކޮން ބައެއްކަން ނޭނގޭހެން އޮންލައިންކޮށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން މިއަދުވަނީ ކޯޓުގައި އެދިފައެވެ. މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓު ދޫކުރާއިރު ތަހުގީގު ރިޕޯޓުގައި ހިމެނޭ ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށްވެސް ދައުލަތުން އެދިފައިވެ އެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ އައިޝަތު ނުޒުހާ ވަނީ ދަޢުލަތުން އެދުނު ގޮތަށް ދަޢުވާތައް ސާބިތުކުރުމަށް ހުށައަޅާފައިވާ ހެކިން ސިއްރު ކުރުމުގެ އަމުރެއް ނެރެދީފައެވެ.
ޤާޟީ މިއަމުރު ނެރެދީފައިވަނީ ދަޢުލަތުގެ ހެކިވެރިންނަަށް ބިރުދައްކައި ޖިސްމާނީ ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީއެވެ.
މި މައްސަލައިގައި ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

