ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިފަދައިން ބުނެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި އެ މިނިސްޓްރީ އިން ބުނެފައިވަނީ އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެއް ކަމަށާއި އެކަން ހަނދުމަކޮށްދޭކަމަށެވެ.
އަދި މިއަހަރުގެ އާޝޫރާ ދުވަހަކީ މި ހިނގާ ޖުލައި 16 ވަނަ ދުވަސް ކަމަށާއި އެ ދުވަހު ރޯދަ ހިފުން އެންމެ ފުރިހަމަ ގޮތަކީ ޢާޝޫރާ ދުވަހުގެ ކުރީ ދުވަހާއެކު ރޯދަ ހިފުން، ނުވަތަ އާޝޫރާ ދުވަހާއި ޖެހިގެން އަންނަ ދުވަހު ވެސް ރޯދަ ހިފުން ކަމަށް އިބްނުލް ގައްޔިމް ވިދާޅުވެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިދިޔަ ހުކުރު ދުވަހުގެ ހުތުބާގައިވެސް ވަނީ އާޝޫރާ ދުވަހު ރޯދަ ހިފުމާއި ގުޅިގެން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި އެދުވަހަކީ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސްކަމަށް ހުތުބާގައި ވެއެވެ.
އަދި މުހައްރަމް މަހަކީ މާތް ﷲ ސުބްހާނަހޫ ވަތައާލާ ހުރުމަތް ކުރައްވާފައިވާ މަހެއްކަމަށާއި މި މަހަކީ ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަސް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ

