ރާއްޖޭގެ އުތުރުން ދެކުނަށް އަތޮޅުތަކުގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިންގަމުންދާ މަޝްރޫއު ތަކުގެ ތެރެއިން އުތުރުގެ ހަތަރުރަށެއްގެ މަގުތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ބާރުމިނެއްގައި އެކޯޕަރޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރެއިން ނޯތު ރީޖަން، ނުވަތަ އުތުރު ސަރަހައްދުގައި އާރްޑީސީ އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އަދާހަމައަށް ބަލާލާއިރު ހަތަރުރަށެއްގެ މަސައްކަތްތައް، ނުހަނު ބާރުމިނެއްގައި ކުރިއަށް ގޮސް ބޮޑުބައެއްގެ މަސައްކަތްތައް ނިމުމަކާ ހަމައަށް ދާކަން ފާހަގަކޮށްލެވެއެވެ.
މި ސަރަހައްދުގެ ރަށްރަށުގައި އާރްޑީސީ އިން ހިންގަމުންދާ މަޝްރޫއުތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ނިމިފައި ހުރި ކަންތަކާއި އަދި އިތުރަށް ކުރަމުންދާ އަދި ކުރަންހުރި މަސައްކަތްތަކަށް ބަލާލާއިރު ކުޅުދުއްފުށި ސިޓީއާއި ހއ ދިއްދޫ އަދި ހއ އިހަވަންދޫ އާއި ރ ހުޅުދުއްފާރުގެ މަސައްކަތްތަކުގެ ތަފުސީލު އާރްޑީސީއިން ވަނީ ހާމަކޮށްފައެވެ.

ދެކުނުގެ ރަށްރަށުގެ ތެރެއިން މަސައްކަތް ކުރިއަށްދާ ރަށްަރަށް…..ފޮޓޯ:އާރްޑީސީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިމިދިޔަ ސަރުކާރުގައި ކުރިއަށް ނުގެންގޮސް މަޑުޖެހިފައިވަނިކޮށް މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކުހެން ކަންކަމަށް އައި ބޮޑެތި ބަދަލުތައް ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން ކުޅުދުއްފުށި ސިޓީއަށް މިއަދު ބަލާލުމުން އެސިޓީގެ މަލަމަތިން ވެސް ތަރައްގީގެ ކުލަވަރު ފެންނާނެއެވެ. އާރްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް އަންނަނީ ހަލުވިކަމާއެކު ނިންމަމުންނެވެ. އެ ގޮތުން މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 5.75 ކިލޯމީޓަރުގެ މަސައްކަތްތައް ނިންމާ ތާރު ވަނީ އަޅާފައެވެ.
އާރްޑީސީ އިން ބުނި ގޮތުގައި ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ މިހާރު ކުރިއަށްދާ ފިޔަވަހީ 80 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އެގޮތުން މި ފިޔަވަހީގައި ކުރިއަށްދަނީ ޖުމްލަ 7.25 ކިލޯމީޓަރު ހިމެނޭހެން 31 މަގެއްގެ މަސައްކަތެވެ.

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު….ފޮޓޯ:އާރްޑީސީ
މި މަޝްރޫގެ މަސައްކަތްތަކުގެ ތެރެއިން ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކުގެ %95 ގެ މަސައްކަތްތައް ނިމިފައިވާއިރު ތާރު އެޅުމުގެ %79 ވުރެ ބޮޑަށް މަސައްކަތްތައްވަނީ ނިންމާލެވިފައެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އަމީނީމަގުގައި ފަޔަރހައިޑްރަންޓް އަދި ޑީވޯޓަރިންގ ނެޓްވޯރކް އެޅުމުގެ މަސައްކަތާއެކު މި ފިޔަވަހީގައި މިހާރު ނުނިމި އޮތް 1.5 ކިލޯމީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ.
ހއ. ދިއްދޫ
ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ 52 އިންސައްތަ މަސައްކަތްވަނީ ނިމިފައި ކަމަށް އާރްޑީސީ އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މި މަޝްރޫޢުގައި ޖުމްލަ 5.4 ކިލޯ މީޓަރު ހިމެނޭހެން މަގުތަކާއި ގޯޅިތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. މިމަސައްކަތުގެ ތެރެއިން ކޭބަލް ޖަންކްޝަންގެ %97 މަސައްކަތް ނިމިފައިވާ އިރު ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ %97 މަސައްކަތްވަނީ ނިމިފައެވެ. މީގެ އިތުރުން ސްޓޯރމް ވޯޓަރ ޓޭންކްތައް ބެހެއްޓުމާއި ހޮޅިއެޅުމުގެ މަސައްކަތާއި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައްދަނީ ކުރަމުންނެވެ.
މީގެ ތެރެއިން ދިއްދޫގެ ސްޓޯރމް ވޯޓަރ ޓޭންކާއި ހޮޅި އެޅުމުގެ %77 މަސައްކަތް ވަނީ ނިމިފައި ކަމަށްވެސް އާރްޑީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

އިހަވަންދޫ ގެ މަގު ހެދުމުގެ މަޝްރޫޢު….ފޮޓޯ:އާރްޑީސީ
ހއ. އިހަވަންދޫ
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 6.9 ކިލޯ މީޓަރު ހިމެނޭހެން މަގުތައް ތަރައްޤީކުރަމުން ވަނީ ނިންމާފައި ކަމަށް އާރްޑީސީ އިން ހާމަ ކޮށްފައެވެ.
އިހަވަންދޫގެ މަޝްރޫއަކީވެސް މިސަރުކާރު ވެރިކަމާއި ޙަވާލުވިއިރު މަޑުޖެހިފައި އޮތް މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ފަށައިގެން %16 މަސައްކަތްވަނީ ނިމިފައެވެ. އެގޮތުން ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކާއި ސައިޓުގައި ޕްރީކާސްޓިންގެ މަސައްކަތްތައްދަނީ ކުރަމުންނެވެ. މައިގަނޑު ގޮތެއްގައި މިމަޝްރޫޢުގައި މިވަގުތު ކުރިއަށްދަނީ ކޭބަލްޖަންކްޝަން ބެހެއްޓުމާއި ހޮޅިއެޅުމުގެ މަސައްކަތްތަކެވެ.

ރ ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢު….ފޮޓޯ:އާރްޑީސީ
ރ. ހުޅުދުއްފާރު
ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް މި ފިޔަވަހީގައި ނިންމާފައި ވަނީ ޖުމްލަ 3.1 ކިލޯ ހިމެނޭހެން 6 މަގެއްގެ މަސައްކަތެވެ.
އެގޮތުން މި މަޝްރޫޢުގެ %83 މަސައްކަތްވަނީ ނިމިފައެވެ. ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތް ނިންމާލެވިފައިވާއިރު ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމާއި ހޮޅިއެޅުމުގެ މަސައްކަތްވެސްވަނީ ނިމިފައެވެ. އަދި ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ އިތުރުން މަގު ބައްތި ޖެހުމުގެ 99 އިންސައްތަ މަސައްކަތްވެސްވަނީ މިހާރު ނިމިފައެވެ. ހުޅުދުއްފާރުގައި ބާކީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ތާރު އެޅުމުގެ މަސައްކަތެވެ. އެކަންކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންކަމަށް އާރްޑީސީ އިން ވަނީ ހާމަކޮށްފައެވެ.
އާރްޑީސީ އިން ކުރަމުންދާ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މިމަސައްކަތަށް ދުވަހަކަށް ވުރެ ދުވަހެއް ދަނީ ކުރިއަރަމުން އަވަސް ވަމުންނެވެ މިއީ ގައުމުގެ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއްވެސް މެއެވެ.

