ނިމިދިޔަ ސަރުކާރުގައި ރައްޔިތުންނަށް ނުދީ، ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން، ހަތް މަސް ތެރޭ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އާންމުކޮށް މަސައްކަތް ކުރާ ފަރާތްތަކާއި ކުންފުނިތަކަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް ކަމަށެވެ.
ނަމަވެސް، މި ހަތް މަސް ތެރޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާ ކަމަށާއި އެ ފަރާތްތަކަށް ފައިސާ ދައްކައި ޚަލާސްކުރީ، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް ފައިސާ ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުއާޒް މިފަދައިން ވިދާޅުވީ ރޭ ކުރިޔަށްދާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މުއާޒް ވިދާލުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ފެނަކަ ކޯޕަރޭޝަނުން ދިވެހި ސަޕްލަޔަަރުންނަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ ހުރި ކަމަށާއި އެފައިސާތައް ދިނުމުގެ މަސައްކަތް ކުންފުންޏާއި ހަވާލުވި ދުވަހު ފެށި ކަމަށެވެ.
އެގޮތުން ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަޕްލަޔަރުންނަށް ދޫކޮށްފައިވާކަން މުއާޒް ހާމަކުރެއްވި އެވެ.
މިހާރު އެކުންފުނިން ދުވަހުން ދުވަހަށް ސަޕްލަޔަރުންނަށް ފައިސާދެމުންދާކަން ހާމަކުރައްވައި މުއާޒް ވިދާޅުވީ ސަޕްލަޔަރުންނަށް ދޭން ޖެހިފައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުދިޔާ ދީފައިވަނީ މިހާރު ހޯދާ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެމުން ކަމަށެވެ.
މުއާޒް ވިދާޅުވީ މިއަދާއި ހަމައަށް މިހާތަނަށް ފެނަކައިން 278 ވެންޑަރުން/ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން މުއާޒް ވަނީ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން ފެނަކަ ކޮޅަށް ޖެހުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ޚަރަދުތައް ކުޑަކޮށް، ފަސާދައަށް ހުރި ހުރިހާ މަގެއް ބަންދުކުރާނެ ކަމަށް މުއާޒް ވަނީ މީގެ ކުރިން ވިދާޅުވެފައި އެވެ.

