ބަލިވުމަކީ އާދަމުގެ ދަރިންގެ މައްޗަށް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެއީ މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެއިލާހު ލައްވާފައިވާ ސަބަބެއް ވެސް މެއެވެ. ބަލިތަކަށް ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާއެވެ. އިބްރާހީމް علية السلام ވިދާޅުވި ބަސްފުޅު ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ (سورة الشعراء: 80) މާނައީ: “އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ، ފަހެ ޝިފާދެއްވަނީ އެ އިލާހެވެ”.
އެހެންކަމުން ބައްޔެއް ޖެހުމުން ބޭސްވެރިކަމުގެ އެކިއެކި ޙިއްސީ ސަބަބުތަކުގައި ހިފުމާއެކު، އެ ބަލިން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުން ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ދުޢާތަކަކީ: 1- اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اِشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا» [رواه البخاري في صحيحه (5743)] މާނައީ: “އޭ ﷲ! މީސްތަކުންގެ ރައްބު! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ލައްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހެވެ. އިބަ އިލާހުގެ ޝިފާ ފިޔަވައި އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ (އެއާ ވިދިގެން) އެއްވެސް ބަލިމަޑުކަމެއް ދޫނުކޮށް ހުރިހާ ބައްޔަކަށް އޮތް ޝިފާއެއްކަމުގައި ލައްވާނދޭވެ!”
– ﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم، ޙަދީޘްކުރެއްވިއެވެ. «ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ بِاسْمِ اللهِ ثَلَاثًا، وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ» [رواه مسلم في صحيحه 67 – (2202)] މާނައީ: “ތިބާގެ ހަށިގަނޑުން ތަދު އިޙުސާސްވާ ތަނުގައި އަތް ބާއްވާށެވެ. ދެން 3 ފަހަރު بِسْمِ اللهِ ކިޔާށެވެ. އަދި 7 ފަހަރު “أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ” މިފަދައިން ކިޔާށެވެ”. ދުޢާގެ މާނައީ: “މިއަޅާއަށް އިޙުސާސް މިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަންކަމުގެ ނުބައިކަމުން، ﷲ އާއި އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ޛަރީޢާއިން ރައްކާތެރިކަން ތިމަން ހޯދަމެވެ”.
މީގެ އިތުރަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާ އެ ޛިކުރުތަކަށް ރައްކާތެރިވުމަކީ ބަލިކަތުންނާ އަދި އެހެނިހެން މުޞީބާތްތަކާއި ގެއްލުންތައް އެއްކިބާކޮށްދީ ސަލާމަތް ކޮށްދެނިވި ކަންތައްތަކެކެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅަމެންނަށް ދުޅަހެޔޮ ޞިއްޙަތެއްދެއްވައި އެންމެހާ ބަލިތަކުން ދުރުހެލިކޮށްދެއްވުމެވެ. \
މައުލޫމާތު: الشَيْخ عِمْرَان مُحُمَّد عَلِي / ދީނުގެމަގު

