މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް އާއި ޗައިނާ ވިމެންސް ޔުނިވާސިޓީއާއިގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ފެށުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެ ޔުނިވާސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ
ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައި އެ ޔުނިވާސިޓީ އާއި ގުޅިގެން ދިވެހި ދަރިވަރުންނަށް އެކި ދާއިރާތަކުން ތަމްރީންވުމުގެ ފުރުސަތާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ފެށުން ހިމެނެއެވެ.
މީގެ އިތުރުުން މިފަދަ ފުރުސަތުތައްވެގެންދާނީ ރާއްޖޭގެ މަތީ ތަޢުލީމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޗައިނާ ވިމެންސް ޔުނިވާސިޓީ އަކީ 75 އަހަރުގެ ދިގު ތާރީހެއް އޮތް ދުނިޔޭގެ އެކި ޤައުމުތަކުގެ އަންހެނުންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދީ އަންހެނުން ބާރުވެރިކުރުވާ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ވަކާލާތުކުރާ އަދި ދިރާސީ ރޮނގުން ކުރިއަރާފައިވާ ޔުނިވަރސިޓީއެކެވެ.
މިނިސްޓަރު އެ ޔުނިވާސިޓީ އަށް ޒިޔާރަތްކުރައްވާފައިވަނީ ޗައިނާ-ސައުތު އޭޝިއާ ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ ވިމެންސް ޔުނިވަރސިޓީން ދެއްވި ދަޢުވަތަކަށެވެ.

