މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ޕީޕީއެމްއާ ގުޅުނު ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ޝަމާއު މިހެން ވިދާޅުވެފައިވަނީ ޗެނަލް 13 އިން ދެއްކި ޕްރޮގްރާމެއްގައި އެޗެނަލްގެ ބާރ އަށް އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންފި ކަމުގައި ޖަހާފައިވާތީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ.
ޗެނަލް 13 ގައި އޭނާ ޕީޕީއެމް އާ ގުޅުނު ވާހަކަ ޖަހާފައި އޮތް މަންޒަރު ފޮޓޯއެއް ނަގައި ކޮށްފައިވާ ޓުވީޓެއްގައި ބުނީ އޭނާ ޕީޕީއެމް އާ ގުޅުނު ކަމަށް ބުނެ، އޭނާގެ ނަން ޖަހާ ޗެނަލް 13 ގެ ބާރ އަށް އަރުވާ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، މިފަދަ ބުހުތާން ދޮގު ފަތުރާ އޭނައާ މެދު ޝައްކު އުފެއްދުމަށް ހިންގާ ޖަރީމާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޝަމާއު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ފަރާތުން މިރޭ ގެންދަނީ ބޮޑު ޖަލްސާއެއް ބާއްވަމުންނެވެ.

