ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ތަހުނިޔާ ވިދާޅުވެފައިވަނީ އެކްސް ގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވިދާޅުވެފައިވަނީ ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ އައްޔަނު ކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވާކަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓްގައި ވަނީ ރާއްޖެ އާއި ނޭޕާލް އަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި، އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބޮޑުވަޒީރު ކަމުގެ މަޤާމާ އޮލީ ފުރަތަމަ ހަވާލުވެ ވަޑައިގަތީ 2015ވަނަ އަހަރުއެވެ. އަދި، އެއަށްފަހު 2018ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. 2021ވަނަ އަހަރު ވެސް ކުރު މުއްދަތަކަށް އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.
2008ވަނަ އަހަރުން ފެށިގެން ނޭޕާލަކީ ފެޑެރަލް ޖުމްހޫރިއްޔާއެކެވެ. އެ ކަން ހާސިލު ކޮށްފައި ވަނީ، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ މައޮއިސްޓުންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، ވެރިކަން ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޖަމާޢަތަށް ދީގެންނެވެ. އެއާ އެކު، ދަހަރަކަށް ވުރެ ގިނަ ދުވަހަަށް ދެމިގެން ދިޔަ ނޭޕާލްގެ ދާޚިލީ ހަނގުރާމައަށް ވެސް ނިމުމެއް އައެވެ.
ނަމަވެސް، ނޭޕާލްގެ ސިޔާސީ މަސްރަޙު އަދިވެސް ފެނިގެން ދަނީ ވަރަށް ނުތަނަވަސްކޮށެވެ. އެއްވެސް ސަރުކާރަކަށް ދައުރު ފުރިހަމަ ކުރުމުގެ ފުރުޞަތު އެންމެ އެކަށީގެންވާ ގޮތުގައި ލިބިދީފައި ނުވާ ކަަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މީގެ އިތުރުން، 30 މިލިޔަން މީހުންގެ އާބާދީއެއް އޮތް ނޭޕާލަށް ވަނީ އިޤުތިޞާދީ ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ޚާއްޞަ ގޮތެއްގައި، ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ނޭޕާލްގެ ފަތުރުވެރި ކަމުގެ ސިނާޢަތް ހިނގައިގަނެފައި ނުވާ ކަން ފާހަގަ ކުރެވެއެވެ. ނޭޕާލަކީ ޗައިނާއާއި އިންޑިޔާއާ އިންވެގެން އޮތް ކުޑަ ޤައުމެކެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ނޭޕާލަކީ ޗައިނާއަށް ތާޢީދު ކުރާ، ޗައިނާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

