ބަނގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝްގައި މިސްކިތް އިމާރާތް ކުރުމަށް ދިޔަ "ހިދުމަތް ޖަމިއްޔާ"ގެ ޓީމްގެ މެންބަރަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މިއީ ބަނގްލަދޭޝްގެ ޑާކާއިން ޗިޓަގޮންގ އަށް ކުރި ދަތުރުގައި ހިނގި އެކްސިޑެންޓެއް ކަމަށާއި އެ އެކްސިޑެންޓުގައި ހިދުމަތް ޖަމިއްޔާއިން ބަންގްލަދޭޝްގައި މިސްކިތެއްގެ ބިންގާ އެޅުމަށް އެ ގައުމަށް ދިޔަ އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމްއަށް ލިބުނު އަނިޔާއަށް މިހާރު ފަރުވާދެމުންދާ ކަމަށް ހިދުމަތް ޖަމިއްޔާ އިން ހުވަދޫ މީޑިޔާއަށް ވަނީ މައުލޫތު ދެއްވާފައެވެ.
ހިދުމަތް ޖަމިއްޔާގެ ފަރާތުން ހުވަދޫ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ބުނީ ޑާކާއިން ޗިޓަގޮންގ އަށް ކުރާ ދަތުރަކީ 8 ގަޑިއިރުގެ ދިގު ދަތުރެއް ކަމަށާއި މި އެކްސިޑެންޓު ހިނގީ ޗިޓަގޮންގ އާ ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި ޑްރައިވަރަށް ނިދުނީ ކަމަށްވެސް ހިދުމަތް ޖަމިއްޔާ އިން ބުންޏެވެ.

ހިދުމަތް ޖަމިއްޔާގެ ފަރާތުން ބަނގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ގޮސް ހުރި އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމް
އެކްސިޑެންޓުވީ އިރު ހައިޝަމަށް އޮތީ ނިދިފައި ކަމަށްވެއެވެ. މިއެކްސިޑެންޓުގައު ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަރޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އޮޕަރޭޝަނަށް ތިއޭޓަރުގައި ކަމަށްވެސް ހިދުމަތް ޖަމިއްޔާއިން ވަނީ ބުނެފައެވެ.
"އިރާދަކުރެއްވީތީ ރަނގަޅު، މާ ބޮޑު އަނިޔާއެއް ވެފައިނެތް، ވާހަކަވެސް ދެއްކި ތިއޭޓަރަށް ވެއްދުމުގެ ކުރިން،"
ބަންގްލަދޭޝްގައި މިވަގުތުވެސް ޖުމުލަ ހަތަރު މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި ހައިޝަމް އަކީ އެ ހުރިހާ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބަލަހައްޓާ އިސްފަރާތް ކަމަށެވެ.

