ދިވެހިރާއްޖޭގެ ދައުލަތުން ގެއްލިފައިވާ ފައިސާގެ ތެރެއިން، ހޯދަން އެންގި ފައިސާގެ ތެރެއިން މިއަހަރުގެ މިހާތަނަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) މިދިޔަ 2023 ވަނަ އަހަރު ދައުލަތުން ހޯދަން އަންގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ކޮބައިތޯއާއި އެ ފައިސާ ހޯދަން ކުރަމުންދާ މަސަައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝާމިލު ވިދާޅުވީ، ސަރުކާރުގެ މުވައްސަސާތަކަށް ލިބެންޖެހޭ ފައިސާއާއެކު 600،000ރ. އަށް ވުރެ ގިނަ ރުފިޔާ އަހަރުގެ މިހާތަނަށް ހޯދިފައިވާކަމަށެވެ. އަދި ޝާމިލު ފާހަގަކުރެއްވި ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޭސީސީ މެދުވެރިކޮށް 273،108.53ރ މި އަހަރުގެ މިހާތަނަށް ހޯދާފައިވެ އެވެ.
ޝާމިލު ވިދާޅުވީ، މިފަހަރު އަނބުރާ ހޯދާފައިވާ ފައިސާއަކީ ހޯދަން އެންގި އަދަދުން ލިބިފައިވާ އެންމެ ބޮޑު އަދަދު ކަމަށާއި އިތުރު ފައިސާ ހޯދުމުގެ މަަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާބެހޭ ތަފުސީލެއްވެސް ނުދެއްވައެވެ.
މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ އޭސީސީން ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ނުބަލައި އެކަންކަން ހިފަހައްޓަމުން ގެންދާ ކަމަށް ވިދާޅުވެ، ކޮމިޝަނަށް ފާޑު ވިދާޅުވެފައެވެ. އަދި އޭސީސީގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ބަލާ ނަމަ، ފުލުހުންނަށް ވެސް އެ މައްސަލައެއް ބެލެން ނޯންނަ ކަން ހައުސިން މިނިސްޓްރީގެ ފަރާތުން މާލިއްޔަތު ކޮމިޓީ އަށް އަންގާފައިވާ ކަން ނާޒިމް ވަނީ ފާހަގަ ކުރައްވައިފައެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ޝާމިލް ވިދާޅުވީ ޖިނާއީ އަދުލު ނިޒާމުގެ ތެރޭގައި ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ދެވޭނެ ކަމަށާއި ގާނޫނު އޮތް ގޮތުން ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ދާ ނަމަ، އެކަމުގައި އިސް ނަގަން ޖެހޭނީ ފުލުހުން ކަމަށެވެ. ދެ ދިމާލެއްގައި މައްސަލައެއް އޮތް ނަމަ، އެއް ބަޔަކު ތަހުގީގު ކުރަން ތިބެންދެން ބަލަން ނުޖެހޭ ކަމަށާއި މީގެކުރިން އެތައް ޖޮއިންޓް އިންވެސްޓިގޭޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

