ލިޔުމުގެ އަސްލު މައުޟޫއަށް ދިއުމުގެ ކުރިން ކުރުވާހަކައެއް ކިޔައިދެންތޯއެވެ.
މިވާހަކަ އެނގޭ ކޮންމެވެސް ބަޔަކުވެސް އުޅޭނެކަން ޔަގީނެވެ. އެހެންނަމަވެސް މިވާހަކައިގައި މިއުޅޭ މީހުންގެ އަސްލުނަމާއި ރަށް ބުނާހިތެއް ނެތެވެ، ވާހަކައަކީ ހަގީގީވާހަކައެއްކަމާމެދު ސައްތަ އިން ސައްތަ ޔަގީން ކުރާށެވެ.
ރާއްޖޭގެ ދެކުނުން މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ. އެރަށަށް ޗުއްޓީއަށް އައިސްތިބި ރަޝިޔާގެ ދެމަފިރިއަކު ގޮވައިގެން މަހަށްދާ ދޯންޏެއްގައި ދިޔައީ މަސްދަތުރަކަށެވެ. މަސްދޯނީގެ ވެރިފަރާތަށް އަގުދީގެން މިދެމަފިރިން ގޮވައިގެން ދިޔައީ ރަށުގެ ކަމުވޮށިގެންވާ ޒުވާނެކެވެ. ކޮންމެއަކަސް މާކަނޑަށް ނުކުތުމާއެކުހެން ކަނޑުމަހެއް ބާނައި މެންދުރަށް ކެއްކީ ތާޒާ ގަރުދިޔައާއި ބަތެވެ.
ކައްކަމުންދިޔައިރު ވަހުންވެސް ރަހައާމެދު ޝައުގުވެރިވެފައި ހުރި ރަޝިޔާގެ ވިޔަފާރިވެރިޔާ ކެއުމުގެ ރަހައާއެކު ރުހުމެއްވެސް ދީފިއެވެ މިދަތުރުގައި އެދެމީހުން ގޮވައިގެން އައިސް މި ކެއުން ދިން ޒުވާނާއަށް ހަދިޔާއެއް ދިނުމަށް ނިންމީއެވެ. އެދޯނިން އަނބުރާ ރަށަށް ދިއުމާއެކު ވިޔަފާރިވެރިޔާ އޭނާގެ ވައުދަށް ކުލަގެނައުމަށް ޒުވާނާއަށް އެންމެ ޒަމާނީ ފައިބަރު ދޯންޏެއް ބަނުމަށް އެންގިއެވެ. ދޯނީގެ ނަމަކަށް ކިޔަން ނިންމީ އޭނާގެ ލޯބިވާ އަނބިމީހާ ޖޫލީގެ ނަމެވެ. އޭނައާ އެއްވަރަށް އެރަހަ އަނބިމީހާއަށްވެސް ކަމުދިޔައީއެވެ. ރުހުން ދިނީއެވެ.

"ދިވެހި" ކެއުމަކީ ދިވެހިންނަށް ހާއްސަ ކެއުމެކެވެ،…ފޮޓޯ:ސަންއެމްވީ
ޖޫލީ ކަނޑަށް ބޭލި ފުރަތަމަ ދަތުރުގައި ދޯނީގެ އަސްލުވެރިމީހާއާއި އެ ރަޝިޔާގެ ދެމަފިރިންވެސް ދިޔައެވެ. މިއަދު ޖޫލީގެ ވެރިމީހާއަކީ ރަށުގައި އެންމެނަށް އެނގޭ ގަދަރުވެރި މުއްސަންޖެކެވެ. އޭނާގެ ޖޫލީ އަދިވެސް ކަނޑުމަތީގައި ރަނިކަން ކުރަމުން ހައްސަބާނައިގެން ރަށަށް ލަފާ މަންޒަރު ފެނުމުން "ގަރުދިޔަ މީރުވެގެން މީހަކު އެވަރުގެ ބޮޑު ހޭދައެއް ކޮށްފާނެ" ކަމާމެދު ހައިރާންވާ ބަޔަކުވެސް އެރަށުގައި އުޅޭނެތާއެވެ.
ކޮންމެ ގައުމެއްގެވެސް އެގައުމަކާއި އެގައުމެއްގެ ރައްޔިތުންނަށް ހާއްސަވެގެންވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ދިވެހިންގެ ތެރޭގައި ބަދަލެއް ނައިސް އޮތް "ދިވެހި" ކެއުމަކީ ދިވެހިންނަށް ހާއްސަ ކެއުމެކެވެ، ބަދަލުވަމުންދާ ޒަމާނާއި ކުރިއަރަމުންދާ ވަގުތާއި ތަރައްގީގެ ހަލުވި ދުވެލީގައި ކުރިއަށްދާ ދިރިއުޅުމުގެ ހާލަތުގެ ކުލަތައް ކަޅާއި ހުދުން އައިސް މިއަދު މިވަނީ ގުނާ އަދަދު ނުކުރެވޭހާ ވަރަށް ކަންތައްތައް ތަފާތުވެފައިކަން ޔަގީނެވެ.
ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ތަފާތު ހިސާބުތަކުގެ ކެއިންބުއިމުގެ އާދަތަކާއި، ތަފާތު ސަގާފަތްތަކުގެ ކެއިންބުއިމުގެ ވައްތަރުތައްވެސް ދިވެހިންގެ ތެރޭގައި މިއަދު އާންމުވެފައިވާ ކަމީ އެއްވެސް ޝައްކެއް އެކަމުގައި އޮތްކަމެއް ނޫނެވެ. ބައެއް ގޭގޭގެ ސުފުރާތަކުގައި ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގެ ކެއުމުގެ މެނޫ ތަފާތު ރަހަތަކުން އޮންނަނީ ފުރާލާފައެވެ. ގިނަ ގޭގޭގައި މުޅި ހަފުތާގައިވެސް އެންމެ އާންމު ކެއުމަކީ ޗައިނީޒް ކެއުން ކަމަށްވާނަމަ އަނެއްބައި އާއިލާތަކުގެ ކުދިންނަށް މީރުކޮށް ކާން ބޭނުންވަނީ އިޓަލިއަން ކެއުމެވެ.

ދިވެހިންގެ ތެރޭގައި ބަދަލެއް ނައިސް އޮތް "ދިވެހި" ކެއުން…..ފޮޓޯ:އަވަސް
އެހެނެއްކަމަކު މިފަދަ ގޭގޭގައިވެސް އެއް ކަމެއް ހާއްސައެވެ. ހަފުތާގެ އެއްދުވަހެއްގެ އެއްވަގުތު ސުފުރާގެ ވަހަށްވެސް އެންމެންގެ ކުޅު ދިޔާވެއެވެ. މަދުގެއެއްގައި މިއާދަ ނޯވެދާނެކަމާމެދު ދެކޮޅެއް ނުހަދަމެވެ. އެހެންނަމަވެސް ކޮންމެ ތަނެއްގައިވެސް އެންމެގިނަ މީހުން ބަރޯސާ ވާކަމަކީ އެތަނެއްގެ އާދަ ކަމަށް ބެލުމަކީ އޮންނަ އުސޫލަށް ވާތީވެ މިކަމުގައިވެސް ގިނަ ދިވެހިންގެ ރުހުމާއި ގިނަ ދިވެހިންގެ ގަޔާވުން އިސްކުރީއެވެ.
ކޮންމެއަކަސް މިދެންނެވި ދުވަހުގެ މިދެންނެވި ވަގުތުގެ ސުފުރާއަކީ އިންތިޒާރު ކުރެވޭ ސުފުރާއެކެވެ. އާދެ، މިއީ ދިވެހި ކެއުމުގެ ހާއްސަ ސުފުރާއެވެ. މި ކެއުމުގެ މަންމައާއި ބައްޕަ އަކީ ބަތާއި ގަރުދިޔައެވެ. ދޮންއަމައަކީ މިސުފުރާއަށް އިތުރުކޮށްފައިވާ ރޮށްޓެވެ. ދެން މިހުންނަނީ މިތަކެއްޗަށް އިތުރު ކޮށްފައި ހުންނަ ބާވަތްތަކެވެ. ހުންޏާއި ފިޔަލާއި ރޯމިރުހާއި ލުނބޮއެވެ. ހިކިމިރުހުގެ ފޮޅިމިރުހާއި ތެލުލި މިރުހެވެ. ތެލުލިފަތާއި މަސްފަތެވެ. ލޮނުމިރުހާއި މަސްމިރުހެވެ. މަސްފެނާއި ރިހާކުރާއި ރިހާކުރުދިޔައެވެ. މަސްކުރޮޅިއާއި ފިހުނުމަހާއި ގަރުދިޔަމަހުގެ ބޮލާއި ބަނޑު ސާމާނެވެ. މިރަހަތައް ފުރިހަމަ ކުރާ އެންމެ ފުރިހަމަ އަސާރައެވެ. ފެނުކެއްކި ބަނބުކޭލާއި ކައްޓަލައާއި އަލައެވެ. އަދި ދެން އެންމެ ފަހަށް ބަތްޕެނާއި ކިރާއި ހަކުރެވެ. ފާދަލީ ކުޅިބަތްޕެނާއި ފޮނިކީރެވެ. މިސުފުރާމަތިން މީރު ނޫން އެއްޗެއް ނުފެނެއެވެ. ކޮންމެވެސް އެކައްޗަކީ ކޮންމެވެސް މީހަކަށް އެންމެ ކަމުދާ ރަހައެވެ.

ދިވެހިންގެ ތެރޭގައި ބަދަލެއް ނައިސް އޮތް "ދިވެހި" ކެއުން…..ފޮޓޯ: އަވަސް
ފަހަކަށް އައިސް ގަރުދިޔަ ކަމުނުދާ މީރުނޫން އަދި ހަމަ ވަރަށް ނުބައި ބުނާ އަދުގެ ޒުވާނުންނާ ބައްދަލު ވެދާނެއެވެ. ގަރުދިޔަ ނުބައި ކަމަށް ބުނުމުން، އަނގައަށް ވައްތަރެއް ޖައްސާފައި އައްޗީޑި ބުނުމުން ދިވެހިވަންތަ ލޭ ކެކުމުގެ ބަދަލުގައި ރުޅި ނައިސް ހިނިތުންވެލުމަކާއެކު ފިޝްސޫޕް ކަމުދޭތޯ އަހާލާށެވެ. އަދި ރިހާކުރު ނުވަތަ ތެލުލި ރިހާކުރު، ރިހާކުރުދިޔަ މީރުތޯ އަހާލާށެވެ. ޔަގީންކަން ދެމެވެ. ކޮންމެވެސް އެކައްޗެއް ވަރަށް މީރުވާނެއެވެ. ވީއިރު ގަރުދިޔަ ނުބައި މިވީ ނަމުން ނޫންތޯއެވެ. ބަތްވެސް ހަމަމިފަދައެވެ. އެކަމަކު މަސްބަތް ނުވަތަ ފްރައިޑްރައިސް މީރެވެ. މިޖެހުނީ އަޅެފަހެ ކޮންތާކުތޯއެވެ.
ކޮންމެ ޒަމާނީ ދެމަފިރިއަކުވެސް ދަރިފުޅަށް ސިއްހަތަށް ފައިދާ ހުރި ކެއުމެއް ކާންދޭން ބޭނުންވާތީ ބަތާއި ގަރުދިޔަ ތުއްތު ދަރިފުޅުގެ ކެއުމުގެ މެނޫގައި ހިމަނަނީ ޔަގީނުންވެސް އޭގައި ފައިދާތަކެއް އެކުލެވޭތީތާއެވެ. ޒަމާނާ އެއްގޮތަށް ގަރުދިޔަ ކެއްކުމުގައި ފިޔަލާއި ހިކަދިފަތާއި މިރުސް އަޅައިގެން ކެއްކިދާނެއެވެ. އެކަމަކު މީގެ އަސްލަކީ މިއީ ހަމަ ކަނޑުމަހުގައި ފެނާއި ލޮނު އަޅައިގެން ކައްކަމުންދާ ވަރަކަށް މައްޗަށް އަރާ ގަރުފޮނު ނަގަމުން ކައްކާ ގަރުދިޔަ ކަމެވެ.

ދިވެހިންގެ ތެރޭގައި ބަދަލެއް ނައިސް އޮތް "ދިވެހި" ކެއުން….ޓައިމްސްއޮފް އައްޑޫ
ގަރުދިޔަ އަކީ ތާޒާ ރޯ މަހުގައި ކެއްކުމުން މާމީރު ރަހައެއް ހުންނަ އެއްޗެކެވެ. އަދި އެހެން ގޮތްގޮތަށް ކެއްކި ކަމަށްވިޔަސް އަސްލު ރަހަ ގެއްލިނުދާ ފަސޭހަ ލުއި ގޮތަކަށް ތައްޔާރުކޮށްލެވޭ މީރު ކެއުމެކެވެ. ހަމައެވަރަށް މީގެ ފައިދާވެސް ބޮޑެވެ. ގަރުދިޔާގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާއިރު އޮމެގާ-3 ކިޔާ ފެޓުގެ މާއްދާވެސް ހިމެނެއެވެ.
ފައިދާތަކެކޭ އެއްވަރަށް ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ އެތައް ކަމެއް ބަދަލުވަމުން އަންނައިރުވެސް ގަރުދިޔަ އޭގެ ގޮތުގައި ބަދަލެއް ނައިސް އަދާ ހަމައަށް ދިވެހިންގެ ކެއުމުގެ އިސްރަސްގެފާނަށް ވެފައިވުމަކީ މިއީ ދިވެހިންނަކީ ދިވެހިންކަން އަންގައިދޭ ހާއްސަ ކަމަކަށް ފުދޭ ކެއުމަކަށް ގަރުދިޔަ ވާކަމުގެ ހެއްކަކަށް ފުދޭނޫންތޯއެވެ.
އަދު ގަރުދިޔަ އާއި ބަތަކީ ވަކި އަގުހެޔޮ އެއްވެސް އަގެއްނެތް ކެއުމެއް ނޫނެވެ. ގަރުދިޔައާއި ބަތުގެ އަގުވެސް މިއަދު ބޮޑެވެ. މިއީ މިއަދު ފަގީރު ކެއުމެއްކަމުގައި ދުށުމަކީ ކުށްހީއެކެވެ. މިއަދު ރޯމަހުގެ އަގު ބޮޑެވެ. ތާޒާ ރޯމަހުގެ އަގު ބޮޑުވެފައިވާއިރު ގަރުދިޔައިގެ އަގެއް ނޯންނަންވީ ސަބަބެއް ނެތްތާއެވެ.

ދިވެހިންގެ ތެރޭގައި ބަދަލެއް ނައިސް އޮތް "ދިވެހި" ކެއުން.
މިހާރު މާލޭގައި ދިވެހި ކެއުން ހާއްސަކޮށް ތައްޔާރުކޮށް މީހުންނަށް ފޯރުކޮށްދީގެން، ޑެލިވަރީކޮށްދީގެން އުޅޭ އާއިލާތަކާއި ޒުވާނުން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި އެމަސައްކަތް ކުރަމުންދާ ކަމީވެސް ހަގީގަތެކެވެ. މާލޭގެ ކުލިދައްކައިގެން އުޅެންޖެހޭ ދިރިއުޅުން ކުރިއަށް ގެންދިއުމަށް "ދިވެހިކެއުން" ކައްކައި ކާންދީގެން އޭގެއިން އާމްދަނީ ހޯދައިގެން ފުދޭވަރުގެ އަރާމު ދިރިއުޅުމެއް އުޅެވޭނީ ނަފާ ވާވަރަށް އޭގެ ޑިމާންޑު އޮތީމަތާއެވެ.
"ހަމަ ވަރަށްބޮޑު މަންފާހުރި ކަމެކޭ ބުނެވޭނީ، ފެށިއިރު ކުޑަކުޑަ އެއްޗަކުން ފެށީ، ހީނުކުރަން އަޅުގަނޑުމެން ދެމަފިރިންނާއި ދެ އެކުވެރިންގެ އިތުރަށް ސްޓާފުން ނަގައިގެން މިކަން ކުރަން ޖެހޭނެކަމަކަށް،" ދިވެހި ކެއުން ތައްޔާރުކޮށް ޑެލިވަރީކޮށްގެން އާމްދަނީ ހޯދާ މި 4 ޒުވާނުންނަކީވެސް އާއިލާއެއް ބަލަހައްޓަން ޖެހޭ ބައެކެވެ. ދަރިންތިބި މީހުންނެވެ، މިމީހުންގެ ވާހަކަ އިވުމުން މިއީ ނަފާ ހުރި ކަމެއްކަން ޔަގީންވެ ގަބޫލުވެސް ކުރެވިއްޖެއެވެ.
ކޮންމެއަކަސް ދިވެހިން ދިވެހިންނަށް ވަނީ ބަތާއި ގަރުދިޔަ ހިމަނައިގެންނެވެ. ދިވެހިންނަށް ލިބިފައި އޮތް ރަންމުތެއް ކަމާމެދު ޝައްކެއްނެތް އެއްޗަކަށް ގަރުދިޔަ ވުމުން ހައިރާން ނުވާށެވެ. ސިއްރެއް ކިޔައިދެމުން މިމައުޟޫއު ފެށި ސަބަބަކީ މިއީއެވެ.

