ރޭ ދަންވަރު ކޭއެފްސީ އަށް ބަޔަކު ގެއްލުން ދީފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިޔާ އަށް މައުލޫމާތު ދެމުން ބުނީ އަމީނީ މަގުގައި ހުންނަ ކޭއެފްސީ ގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށް ރޭ ދަންވަރު 03:06 އެހާ ކަން ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
ކޭއެފްސީ ބޮއިކޮޓް ކުރުމަށް ގޮވާލައި ދޭތެރެ ދޭތެރެއިން ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ ކޭއެފްސީ އަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއް ކަމަށާއި ފަލަސްތީނުގެ ހައްގުގައި އެތަން ބަންދުކުރަން ޖެހޭކަމަށް ބުނެއެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅިގެން، އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެ ގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ދޭތެރެއަކުން ކުރިއަށް ގެންދެއެވެ. އަދި، އެތަނުން ވިޔަފާރި ނުކުރުމަށް ގޮވާލައި، ދޭތެރެއަކުން މުޒާހަރާ ވެސް ކުރެއެވެ. އެގޮތުން މީގެ ކުރިން ވަނީ ކޭއެފްސީ ކައިރި ގިނަ މުޒާހަރާތަކެއް ކޮށްފައެވެ. އަދި ކޭއެފްސީއާ ޖެހިގެން ހިންގަމުން އަންނަ ޕިއްޒާ ހަޓަށް ކަޅުތެޔޮ ވެސް ޖަހައިވެއެވެ.

