ކޮޕީރައިޓާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
އެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ވަނީ ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އިގްތިސާދީ ކޮމިޓީން ދިރާސާ ކުރައްވާފައިވާއިރު، މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ އީމެއިލް އެޑްރެސް އިކޮނޮމިކް އެފެއާސްި އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ވަނީ މި ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ސުންގަނޑި އަކީ ޖުލައި 22ވާ ހޯމަ ދުވަހުގެ 12:00 ކަމަށެވެ.
މި ބިލަށް އިސްލާހު ހުށަހަޅާފައިވަނީ ނިލަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު ފާތުމަތު ސައުދާއެވެ.
20 އޭޕްރީލް 2011 އިން ފެށިގެން ކޮޕީރައިޓް ޤާނޫނަށް އަމަލުކުރަމުން ދިޔަނަމަވެސް އެ ޤާނޫނު ހެދިފައި އޮތީ އޭރު ފެންނަން ހުރި ކަންތައްތަކާއި ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ކަމަށްވާތީ ފަންނުވެރިންގެ އުފެއްދުންތަކަށް ލިބިދޭން ޖެހޭ ހިމާޔަތާއި ނަފާ އަދި މަންފާ ލިބުމުގެ ޤާނޫނީ ބާރު އެ ޤާނޫނުން ލިބިދީފައި ނުވާ ކަމަށާއި ހަމައެއާއެކު ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ ސަބަބުން އުފެއްދުންތައް މިއަދު ދައުރުވެގެންދާ ގޮތާމެދު ވިސްނާލަން ޖެހޭ ކަމަށް މި ބިލަށް އިސްލާހު ހުށަހަޅަމުން ސައުދާ ވިދާޅުވިއެވެ.

