މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ށ. މިލަންދުއާއި ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ދެ އޮޕަރޭޝަން ގެ ތެރެއިން މިލަންދޫ އޮޕަރޭޝަނަކީ މި މަހު 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނިލަންދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން ފިރިހެނަކު ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިލަންދޫ އޮޕަރޭޝަންގައި 20 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު ނިލަންދޫ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ މީހެކެވެ.
ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

