ބިދޭސީއަކު ބަނގުރަލާއިއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން 29 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މަހު 5 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ކަންނެލި ޖެޓީން ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކާމެދު ތުހުމަތުކުރެވިގެން މަޑުކުރަން ބުނުމުން އެމީހުން މަޑުނުކޮށް ގޮސްފައިވާތީ އެމީހުން ދިޔަ ސަރަހައްދުތައް ސީސީޓީވީ ކެމެރާ މެދުވެރިކޮށް ދެނެގަނެ އެ ސަރަހައްދުތައް ބަލައިފާސްކުރިއިރު އެ މީހުން ގެންގުޅުނުކަމަށް ބެލެވޭ ކަޅުކޮތަޅުތައް އެ ސަރަހައްދުތަކުން ފެނިފައިވެއެވެ. އެ ކޮތަޅުތައް ބަލައިފާސްކުރިއިރު 120 ދަޅު ބަނގުރާ ފެނިފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

