އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ ބުނާ ވާހަކަ އަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ތެދެކެވެ.
އެހެން ނަމަވެސް އެ އެކުވެރިކަން ބާރުގަދަ ވެގެންދިޔުމުގައިވެސް ޝަރުތުތަކެއް ހުރެއެވެ. ތެދުވެރިމަކާއެކު އެކަކު އަނެކަކަށް އިތުބާރުކުރެވެން ޖެހެއެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ ތިބާއަކީ އަނެކާގެ ނަޒަރުގައި ހަގީގީ އެކުވެރިއަކަށް ވާންޖެހެއެވެ.
އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު މި ބަލާލަނީ ހަގީގީ އެކުވެރިއަކަށް ވުމަށްޓަކައި ކުރެވިދާނެ 3 ކަމަކަށެވެ.

އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ….ފޮޓޯ:ފްލަޔަރ
ތިބާގެ ނަޒަރުގައި އަނެކާއަކީ ތިބާގެ ހަގީގީ އެކުވެރިއެއް ކަމުގައި ދެކޭށެވެ.
އެއް އަތްތެޅިޔަސް އަޑެއް ނުކިޔާނެއޭ ބުނާ އަޑުއަހަން ނޫންތޯއެވެ. އެކުވެރިކަމަކީވެސް އެފަދަ ކަމެކެވެ. އަނެކާއަކީވެސް މުހިއްމު މީހެއްކަމުގައި ދެކެވޭނަމަ އަނެކާގެ ވާހަކަތަކަށް ޝައުގުވެރިކަން ދެވޭނެއެވެ. އަނެކާގެ ޚިޔާލުތައް އަޑުއަހައި އެއަށް ލަފާދެވޭނެއެވެ.
އެގޮތަށް ދެވޭ ޝައުގުވެރިކަމުގެ ސަބަބުން އަނެކާގެ ހިތުގައި ތިބާއަށް ދެވިފައިވާ މަގާމަށް ބަދަލުއަންނަން ފަށާނެއެވެ. ތިބާއަކީވެސް މުހިއްމު މީހެއް ކަމުގައި ބެލެވެން ފަށާނެއެވެ.

އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ….ފޮޓޯ:ފްލަޔަރ
ދޭ މީހަކަށްވެސް ވާށެވެ. ހަމައެކަނި އަތުލާ މީހަކަށް ނުވާށެވެ.
ތިބާގެ އެކުވެރިޔާ ތިބާއަށްޓަކައި އުފުލީ ކޮން ބުރައެއްތޯ އަހާލުމުގެ ބަދަލުގައި ތިބާގެ އެކުވެރިޔާއަށްޓަކައި ތިބާ އުފުލީ ކޮން ބުރައެއްތޯ ވިސްނާލުންވެސް ރަނގަޅެވެ. މިތަނުގައި އަޅުގަނޑު "ދިނުން" މި އިޝާރާތް ކުރަނީ ހަމައެކަނި މައުނަވީ އެއްޗިއްސަކަށްނޫނެވެ. ދެން އެހެންވިއްޔާ ކޮން އެއްޗެއްތޯއެވެ؟
އެންމެ ފުރަތަމަ ހިނިތުންވުމަކުން ފަށާމާތޯއެވެ. އެއަށްފަހު ކަމެއްގައި ރަނގަޅު ޚިޔާލެއް ދެވިދާނެއެވެ.

އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ….ފޮޓޯ:ފްލަޔަރ
އެއަށްފަހު އެޚިޔާލާ އެއްގޮތަށް ޢަމަލުކުރުމަށް އެހީތެރިވެސް ވެވިދާނެއެވެ. އެކުވެރިޔާއަށްޓަކައި ހެޔޮ ދުޢާވެސް ކުރެވިދާނެއެވެ. ރަނގަޅު ނަޞޭހަތެއްވެސް ދެވިދާނެއެވެ.
އެންމެ ރަނގަޅު ގޮތަކީ އެވަގުތަކު އެކުވެރިޔާ ބޭނުންވަނީ ކޮންކަމެއްތޯ ނުވަތަ ކޮން އެއްޗެއްތޯ ދެގެނަތުމެވެ. މިކަން ކުރެވޭނީ އެންމެ ފުރަތަމަ ބުނިފަދައިން އެކުވެރިޔާއަށްޓަކައި ތިބާގެ ހިތުގައި މަގާމެއް ދެވިފައިވާނަމައެވެ. އެއީ ހަގީގީ އެކުވެރިއެއްކަމުގައި ދެކެވޭނަމައެވެ.

އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ….ފޮޓޯ:ފްލަޔަރ
ވަފާތެރިވާށެވެ.
ތެދުވެރިކަމާއި ވަފާތެރިކަމަކީ އެކަތި އަނެކައްޗާ ވަކިނުކުރެވޭނެ ދެއެއްޗެވެ. ހަމަ މި ބީދައިން ވަފާތެރިކަމަކާ ނުލައި އެކުވެރިކަން ދެމި އޮތުމަކީ ވެސް ނާދިރު ކަމެކެވެ. އެހެން މީހުންގެ ނަޒަރުގައި ތިބާއަކީ ވަފާތެރިއެއް ނަމަ އެހެން މީހުންގެ ކުރިމަތީގައި ތިބާގެ އަގު އުފުލިގެން ދެއެވެ.
ވަފާތެރި މީހަކަށްވުމަށްޓަކައި ކުރެވިދާނެ ނުވަތަ ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ތެދުވެރިވުމެވެ.
ތިބާއަކީ ބަހުގެ އިތުބާރު ގެއްލިފައިވާ މީހެއްނަމަ ނުވަތަ ދޮގު ބުނާ މީހެއްނަމަ އެހެން މީހަކު ތިބާގެ ބަސް ގަބޫލުކުރާނީ ކިހިނެތް ހެއްޔެވެ؟ ތިބާ ދައްކާ އެއްވެސް ވާހަކައެއް ހެޔޮ ނިޔަތުން ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން ތެދުވެރި މީހަކަށްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދެވަނަ ކަމަކަށް އަރާރުންވެ ދެބަސްވުން މަދު ކުރާށެވެ. މިކަން ކުރެވޭނީ ކަންކަމުގައި އިސްވެ ވާހަކަ ދައްކައިގެންނެވެ. ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ.

އެކުވެރި ކަމަކީ ގަދަފަދަ ބާރެކޭ….ފޮޓޯ:ފްލަޔަރ
އެހެންނަމަވެސް އެތަފާތު ކަމުގެ ތެރެއިން މައްސަލައަކަށް ފުރުޞަތު ނުދޭށެވެ. މީގެ އިތުރުންވެސް ހަސަދަވެރިވުމާއި، ކިބުރުވެރިވުމާއި އިތުބާރުގެއްލޭފަދަ އެއްވެސް ކަމެއް ނުކުރާށެވެ.
މި އިޝާރާތްކުރެވުނު ތިން ކަމަކީވެސް އެއްކަމެއް އަނެއްކަމަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ތިން ކަމެވެ. އެހެން ކަމުން ގަދަފަދަ ބާރަކުން ގުޅޭ އެކުވެރިކަމެއްގެ ބިންގާ އަޅަންފެށުމުގެ ކުރީގައި ތިބާގެ ކިބައިގައި މިސިފަތަށް ހުރިތޯ ވިސްނާލާށެވެ. އެސިފަތަށް ނެތްނަމަ އެކަމާމެދު ވިސްނައި، އެސިފަތަށް ހަރުލެއްވުމަށް މަސައްކަތް ފެށުން ކިހިނެއްތޯއެވެ.

